ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ބަނދަރު ހެދުމުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ބޮޑުހިލަ ނުލިބިގެން ކަމަށާއި، ހިލަ ލިބުމާ އެކު ނިންމާލެވޭ ފަދަ ހާލަތުގައި ގިނަ މަޝްރޫއުތަކެއް އެބަހުރި ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބަނދަރު ހެދުމުގެ ގިނަ ޕްރޮޖެކްޓްތަކަށް ހުރަސްއެޅިފައި ވަނީ ބޮޑުހިލަ ލިބުމުގައި ދިމާވެފައިވާ ދަތިތަކާ ހެދި ކަމަށެވެ. އަދި ނުސީދާ ގޮތެއްގައި އެކަން ގުޅިފައި ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ބަނދަރުތަކުގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫއުތައް ހުއްޓިފައި ހުރީ ހިލަ ލިބުމުގެ ދަތިކަމާ އެއްކޮށް. މެންބަރުގެ ވާހަކަފުޅުން ހީވަނީ އަޅުގަނޑުމެން ހެން ހަނގުރާމައެއް ފަށައިގެން މިއުޅެނީ. އަޅުގަނޑުމެން ހެން މުޅި ދުނިޔޭގައި ހަނގުރާމަކޮށް، އެއްޗެހި އަގުބޮޑުވުމާއި މި ކަންތައްތައް ކުރަނީ ދިވެހި ސަރުކާރުން ހެން ހީވަނީ އެމްޕީ ވާހަކަ ދައްކަވާ އިރު،" މެންބަރު ޣަފޫރުގެ ސުވާލަށް ރައްދު ދެއްވަމުން މުއްތޮލިބު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ދިމާވެފައިވާ ގޮންޖެހުންތަކާ އެކު ވެސް ތަފާތު ގޮތްގޮތުން ހައްލު ހޯދައިގެން މަސައްކަތްތައް ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ހިލަ ލިބުނުހާ އަވަހަކަށް ނިންމާލެވޭނެ ގިނަ މަޝްރޫއުތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް އުފުލުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވުމުގެ ސަބަބުން ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުން އެކަށީގެންވާ ކަމަށް މިދިޔަ އޭޕްރީލް މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޚާއްސަކޮށް ތެލުގެ އަގު ދެގުނައަށް ވުރެ ބޮޑުވެފައި ވާތީ، ގިނަ އަދަދަކަށް ތެޔޮ ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ ބޮޑެތި މަޝްރޫއުތަކަށް އޭގެ އަސަރު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ މިވަގުތުގެ އަމާޒަކީ އެއްވެސް ޕްރޮޖެކްޓެއް އެއްކޮށް ހުއްޓާނުލައި، ވީހާ ވެސް ހަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން ޓައިމްލައިނަށް ބަދަލު ގެނެސްގެން ވެސް ކުރިއަށް ގެންދިއުން ކަމަށެވެ.

މީގެއިތުރުން އިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ ސާމާނު މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެސްޓީއޯ އިން ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.