24 Nov 2026, 15:12
ވޮޝިންޓަން (24 ނޮވެންބަރު 2026) : ޣައްޒާގެ އާންމުންނާމެދު އިސްރާއީލު ހިންގާ "އަމަލުތަކުގެ" ސަބަބުން ހުޅަނގު ދުނިޔޭގައި އިސްރާއީލަށް އޮތް ތާއީދު ބޮޑުތަނުން ގެއްލިގެން ދާންފަށާފައިވާކަމަށް ވިދާޅުވެ އިސްރާއީލު ދަނީ މުޅި ދުނިޔޭގައިވެސް އެކަހެރިވެ ބާކީވަމުންކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރި އަދި އޭނާގެ ރިޔާސީ މަންދޫބު ޖަރެޑް ކުޝްނާ ހިތާމައާއެކު ވާހަކަ ދައްކަވައިފިއެވެ.
ކުޝްނާއަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ޔަހޫދީ ޒަޔަނިސްޓެކެވެ. އޭނާއަކީ ކުރިން ނަސާރާ އަގީދާ ގަބޫލުކުރި މީހެއް ނަމަވެސް ފަހުން އޭނާ ވަނީ ނަސްރާނިއްޔަތު ދޫކޮށް ޔަހޫދީ އަގީދާ ގަބޫލުކޮށް ޔަހޫދީ އަކަށްވެފައެވެ.
ނިއުސް ވީކް އަށް ދެއްވި ބަސްދީގަތުމެއްގައި ކުޝްނާ ވިދާޅުވީ އޭނާ އިސްރާއީލަށް ދޭ ނަސީހަތަކީ ޣައްޒާއާމެދު އިސްރާއީލު ގެންގުޅޭ ހަރުކަށި ސުލޫކު ބަދަލުކުރުމަށެވެ. އެހެންނޫންނަމަ މުޅި ދުނިޔޭގައިވެސް އިސްރާއީލު ބާކީވެގެންދާނެ ކަމަށާއި އިސްރާއީލު ނިކަމެތިވެ ބާކީވެ އެކަހެރިވާ މަންޒަރު ދެކެން ބޭނުންނުވާކަމަށް ކުޝްނާ ވިދާޅުވިއެވެ.
އިސްރާއީލަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން އިސްރާއީލުގެ ވެރިންނަށް ކުޝްނާ ގޮވާލެއްވީ ޓްރަމްޕް ގެ ޒައާމަތުގެ ދަށުން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރުމަށެވެ. އެޕްލޭންއާ ދެކޮޅަށް މަސައްކަތް ނުކުރުމަށެވެ. ސަބަބަކީ ޣައްޒާގެ ސުލްހައިގެ ޕްލޭން އާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުން ހިންގާ "އަމަލުތައް" ޚުދު އެމެރިކާގައިވާ އިސްރާއީލަށް ތާއީދުކުރާ ފަރާތްތަކަށްވެސް ބަލައިނުގަނެވޭތީ އެވެ. ކުޝްނާ ވަނީ އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާކަމަށް އެއްބަސްވުމަށް ދެކޮޅު ހައްދަވައިފައެވެ.
ކުޝްނާ ވިދާޅުވިގޮތުގައި އޭނާގެ ކަންބޮޑުވުމަކީ ޣައްޒާގައި ސުލްހަ ގާއިމް ކުރުމަށް ޓްރަމްޕް ގެ ޒައާމަތުގެ ދަށުން އެކުލަވާލި ޣައްޒާގެ ސުލްހައިގެ ޕްލޭން ތަންފީޒު ކުރަން އިސްރާއީލު ދެކޮޅު ހެދުމެވެ. އަދި ޣައްޒާގައި ހިންގާ "އަސްކަރީ ހަރަކާތްތައް" އިސްރާއީލުން ހުއްޓާނުލުމެވެ. މިހަރަކާތްތަކުގައި އިސްރާއީލުން ޣައްޒާގެ އާންމުން މަރަމުންދާކަން ފާހަގަ ކުރުމަށާއި ހޮސްޕިޓަލްތަކަށް ހަމަލާދޭކަމާއި އިންސާނީ އެހީ ވެއްދުން މަނާކުރާ ކަން ފާހަގަކޮށް އެކަން ކުށްވެރި ކުރަން ކުޝްނާ ވަނީ ފަސްޖެހިފައެވެ.
ދުނިޔޭގައި އިސްރާއީލު އެކަހެރިވެ ބާކީވެ އިސްރާއީލުގެ ނެރެޓިވް ދުނިޔޭގައި މިހާރު ނުހިނގާ ކަމުގެ ހެއްކެތްގެ ގޮތުގައި ކުޝްނާ ނެންގެވީ ކުރިން އިސްރާއީލާ ދެކޮޅަށް ދައްކަން ނުކެރޭ ގިނަ ވާހަކަތަކެއް މިހާރު ދައްކަން އަދި ބުނަން އެއްވެސް ފަރާތަކުން ޖެހިލުން ނުވާމައްސަލައަށެވެ. ކުރިން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފާޑުކިޔުމަކީ އެންޓި ސެމިޓިޒަމް ކަމަށް ހަދައި އެކަން ބިރު ދައްކައިގެން ހުއްޓުވާއިރު މިހާރު އެންޓި ސެމިޓިޒަމް ނެރެޓިވް ދެކެ އެއްވެސް ފަރާތަކުން ޖެހިލުން ނުވުމަކީ އިސްރާއީލުގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް ކުޑަވުންކަމަށާ މިއީ އިސްރާއީލަށް ލިބިގެންދާނެ އިއާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއްކަމަށް ކުޝްނާ ސިފަކުރެއްވިއެވެ. އަދި މިކަމާމެދު ދެރަވާކަން އޭނާ ހާމަކުރެއްވިއެވެ.
ކުޝްނާ އިސްރާއީލަށް ގޮވާލެއްވީ ހުޅަނގު ދުނިޔޭގެ އާންމުން އިސްރާއީލާމެދު ދެކޭގޮތަށް އަންނަމުންދާ ބަދަލުތަކާމެދު ފުންކޮށް ވިސްނައި ބުއްދީގެ ބޭނުންކުރުމަށެވެ. ތާއަބަދު އެއްގޮތަކަށް ކަންކަން ނޯންނާނެކަން ވިސްނައި އިސްރާއީލުގެ ވުޖޫދާއި މުސްތަގްބަލް ހިމާޔަތް ކޮށް ސުލްހައިގެ މަގު ޚިޔާރު ކުރުމަށެވެ.