ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ)ގެ ބަޖެޓުން 2009 އަކާއި 2010 އެއްގައި 24 މިލިއަން ރުފިޔާގެ ބޮޑު ހިޔާނާތެއް ހިންގާފައިވާ ކަމަށާއި އެ މައްސަލައިގައި ސްޓޭޓް މިނިސްޓާ އަބްދުﷲ ޝާހިދާއި އެތަނުގެ އެހެންވެސް އިސްވެރިންގެ މައްސަލައި ބަލައި ފިޔަވަޅުއެޅުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފި އެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ސޮއިކުރައްވާ މިއަދު ނެރުއްވާފައިވާ ޑިޒާސްޓާ މެނޭޖްމަންޓްގެ އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައިވަނީ ހުށަހެޅޭ ބިލްތަކަށް ފައިސާ ދޫކުރުމުގައި އެއްވެސް ބެލުމެއް ނެތި އެ ބިލްތަކަކީ ހަގީގަތުގައި ވެސް ފައިސާ ދައްކަން ޖެހޭ ސައްހަ ބިލްތަކެއްތޯ ޔަގީން ނުކޮށް ފައިސާ ދޫކުރުމަށް ހުއްދަ ދީފައިވަނީ އޭރު އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި މިނިސްޓާ އޮފް ސްޓޭޓް އަބްދުﷲ ޝާހިދާއި ޑިރެކްޓަރު ޖެނެރަލް އަދި ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަމަށެވެ.

"ފައިސާ ދޫކުރުމުގައި އެ ބޭފުޅުން ވަރަށް ބޮޑަށް އިހުމާލުވެ، މަގާމުގެ ވާޖިބު އަދާކުރުމުގައި އިންތިހާއަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ދައުލަތަށް 24 މިލިއަން ރުފިޔާ ގެއްލުންވެފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅަންޖެހެ އެވެ،" ރިޕޯޓުގައިވެ އެވެ.

ޑީއެމްސީގެ ބަޖެޓުން ހިންގި އެ ހިޔާނާތުގެ މުއާމަލާތަކަށް ބެލީއިރު، ދައުލަތުގެ މުހިންމު ދެ މުއައްސަސާއެއްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިނުގެން ހިންގާފައިވާ ހިޔާނަތެއް ކަމުގައި ބެލެވޭނެ އެއްވެސް ޖާގައެއްނެތް ކަމަށްވެސް ނިޔާޒު ވަނީ ވިދާޅުވެފަ އެވެ.

"އެއް އިންވޮއިސްތަކެއް ތަކުރާރުކޮށް އެތައް ފަހަރު ފައިސާ ހޯދުމަށް ހުށަހެޅުމުން ޖުމްލަ 140 އިންވޮއިސް ސިސްޓަމުން ރިޖެކްޓްކުރުމުން ވެސް އިންވޮއިސްތަކުގެ ސައްހަކަމާމެދު އިތުރަށް ސުވާލު ނުއުފައްދައި ކަމުގެ ހަގީގަތްވެސް ނުބަލައި ފައިސާ ދޫކޮށްފައިވެ އެވެ. އަދި އެ ފައިސާ ފިނޭންސް މިނިސްޓްރީން ދޫކުރަން އެންގި ފަރާތްތަކާއި ހުއްދަ ދިން ބޭފުޅުން މަގާމުގެ ވާޖިބު އަދާކުރުމުގައި ފަރުވާކުޑަކޮށް ނުވަތަ އިހުމާލުވެފައިވާތީ އެކަން ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަމެވެ،" ރިޕޯޓުގައިވެ އެވެ.

ސައްވީސް މިލިއަން ރުފިޔާގެ އެ ހިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ސުނާމީގައި ގެއްލުން ލިބުނު ގެތައް އަލުން ހެދުމަށާއި މަރާމާތުކުރުމަށް 2005 ވަނަ އަހަރު ކޮންސްޓްރަކްޝަން މެޓީރިއަލް ހޯދުމަށް ރާއްޖޭގައި އެފަދަ ތަކެތި އިމްޕޯޓްކޮށްގެން ވިއްކާ ފަރާތްތައްކަމަށް ބުނެ ބައެއް ފިހާރަތަކުން ވަނީ ގެދޮރު އިމާރާތްލުރުމާ ގުޅޭ ސާމާނުނަގައިފަ އެވެ. އަދި އެ ފަރާތްތަކުން ފޮނުވި ހުރިހާ ބިލްތަކަކަށް ފިނޭންސްގެ ސުނާމީ ރިކަވަރީ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ކުންފުނި ތަކުގެ ތެރޭގައި ހިމެނޭ އެލޮކޭޓް ބިޒްނަސް ކޮމްޕެނީ، އަކީ އޭރު ކުންފުނި އެފެދުނުތާ އަހަރެއްވީ ކުންފުންޏަކަށް ވާއިރު އެ ކުންފުންޏަށް ތަކެތި އެތެރެ ކުރުމުގެ ހުއްދަ ނޯންނަކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެ ކުންފުންޏަށް ދޫކޮށްފައި ހުރި ޕާޗޭސް ފޯމުތަކަށް ޑިޒާސްޓާއަށް ބިލްކޮށްފައިވަނީ އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގްސްގެ ނަމުގައި ކަމަށެވެ.

"ދެހާސް ފަސް ވަނަ އަހަރު އެޕޯލޯ ހާޑްވެއާ ސްޓޯރާއި އެޕޯލޯ ހޯލްޑިންގެ ނަމުގައި އިންވޮއިސް ހަދައިގެން ފައިސާ ނަގާފައިވާ ފޯމުތަކުގެ ފޮޓޯކޮޕީ ބޭނުންކޮށްގެން އެއަށް އިންވޮއިސް ހަދައިގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން މަކަރާއި ހީލަތުން ދައުލަތުގެ ފައިސާ ހިޔާނާތުގެ ގޮތުގައި ނަގާފައިވާ ކަމަށް ބެލެވެ އެވެ. އަދި ފައިސާ ނެގި ފޯމްތަކުގެ ފޮޓޯ ކޮޕީ ބޭނުންކޮށްގެން އެ ފޯމްތަކަށް އިންވޮއިސް ތައްޔާރުކޮށްގެން 2009 ވަނަ އަހަރާއި 2010 ވަނަ އަހަރު އެލޮކޭޓް ބިޒްނަސް ކޮމްޕެނީން ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް 700އަށްވުރެ ގިނަ އިންވޮއިސް ހުށަހަޅާފައިވެ އެވެ،" ރިޕޯޓުގައިވެ އެވެ.

އޮޅުވާލައިގެން ހުށަހަޅާފައިވާ އިންވޮއިސްތަކުގެ އަދަދު 571 އަރާއިރު އިންވޮއިސްތަކުގެ ޖުމްލަ އަގު 24 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި އެ ކަމާ ގުޅޭ ލިޔެކިޔުންތަކާއި ތަފްސީލްތަށް ދިނުމަށް އެދުނު ނަމަވެސް އެ ސެންޓަރުން އެ މުއާމަލާތްތަކާ ގުޅޭ އެއްވެސް ލިޔެކިއުމެއް ލިބިފައިނުވާ ކަމަށްވެސް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް އެ މުއާމަލާތްތަކާ ގުޅޭ ހުރިހާ ލިޔުންތައް އެ ފިނޭންސް މިނިސްޓްރީން ލިބިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"މި ފައިސާއަކީ އޮޅުވާލައިގެން މަކަރާއި ހީލަތުން ދައުލަތުގެ މާލިއްޔާއިން ނަގާފައިވާ ފައިސާކަން ފާހަގަކުރެވެ އެވެ،" ރިޕޯޓްގައިވެ އެވެ.

ރިޕޯޓް ނިންމާލައްވަމުން އޮޑީޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެ ހިޔާނާތަކީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު ކޮށްފައިވާ ކަމަކަށް ވުމުން އެކަން އިތުރަށް ބަލައި އެކަމުގައި އިހުމާލުވެ ނޫނީ ވާގިވެރިވި ފަރާތްތަކާ ދެމެދު ގާނޫނުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް އަންގާކަމަށެވެ.