11 Oct 2012, 23:08
ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރާ ދެކޮޅަށް ބާއްވާ ބޮޑު އެއްވުމުގައި ޑީއާރުޕީން ބައިވެރިނުވާނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
ޑީއާރުޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ސަލީމް ވިދާޅުވީ ނޮވެމްބަރު ތިން ވަނަ ދުވަހު ބާއްވާ މަހާސިންތާގައި އެ ޕާޓީން ބައިވެރިނުވާން ނިންމީ ޖީއެމްއާރު މައްސަލައިގައި ގޮތެއް ނިންމަންޖެހޭނެ ފަރާތަކީ ސަރުކާރު ކަމަށް އެ ޕާޓީން ދެކޭތީ ކަމަށެވެ.
"ޑީއާރުޕީން އެ މަހާސިންތާގައި ބައިވެރިނުވަނީ ޖީއެމްއާރު މައްސަލައިގައި ޑީއާރުޕީން ތާއިދު ނުކުރާތީ އެއް ނޫން. ޑީއާރުޕީގެ ވިސްނުމަކީ ޖީއެމްއާރު މައްސަލައިގައި ގޮތެއް ނިންމަންވާނީ ސަރުކާރުން. ސަރުކާރުން ނިންމަވާ ގޮތަކަށް ޑީއާރުޕީން ތާއީދު ކުރާނެ،"ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖީއެމްއާރު މައްސަލައިގައި ސަރުކާރުން ނިންމާ ގޮތަކަށް ޑީއާރުޕީން އެއްބާރުލުން ދެއްވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ތަކުރާރުކޮށް ވިދާޅުވެފައިވާނެ ކަމަށެވެ.
"ސަރުކާރުން ޖީއެމްއާރު މައްސަލައިގައި ގޮތެއް ނިންމާށޭ. ސަރުކާރުން ނިންމާ ގޮތަކަށް ޑީއާރުޕީން ތާއިދު ކުރާނެ ކަމަށް ޑީއާރުޕީގެ ލީޑަރުވެސް ވަނީ ވިދާޅުވެފައި،" އޭނާ ވިދާޅުވި އެވެ.
"ދިވެހިރައްޔިތުންގެ ގައުމީ ހަރަކާތު"ގެ ނަމުގައި ޖީއެމްއާރާއި ދެކޮޅަށް ނޮވެމްބަރު ތިން ވަނަ ދުވަހު މަހާސިންތާ އެއް ބާއްވާނެކަން އިއުލާން ކުރަން މިއަދު ހަވީރު ނަލަހިޔާގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޑީއާރުޕީވެސް ބައިވެރިވި އެވެ.
ސަލީމް މިރޭ ވިދާޅުވީ ޖީއެމްއާރާއި ދެކޮޅަށް ބާއްވާ މަހާސިންތާ ފިޔަވާ ޖީއެމްއާރާ ދެކޮޅަށް ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށެވެ. ޖީއެމްއާރާއި ދެކޮޅަށް ދާދި ފަހުން ސަރުކާރުގައި ހިމެނޭ ޕާޓީތަކުން އާޓިފިޝަލް ބީޗްގައި ބޭއްވި އެއްވުމުގައި ވެސް ޑީއާރުޕީން ބައިވެރިވެފައިނުވެ އެވެ.