11 Oct 2012, 22:40
ޖޭޕީ މޯގަން ޗޭސް ބެންކުން ދޭ އެންމެ މަތީ އެވޯޑްކަމުގައިވާ "އެލީޓް ކޮލިޓީ ރެކްގްނިޝަން އެވޯޑް 2011" ބޭންކް އޮފް މޯލްޑިވުސް (ބީއެމްއެލް) އަށް ލިބިއްޖެ އެވެ.
ބީއެމްއެލް އިން މިއަދު ބުނީ އެ ބޭންކަށް އެ އެވޯޑް ލިބުނީ ބައިނަލްއަގުވާމީ މަނީ ޓްރާންސްފާ އާއި ޓެލެގްރެފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބޭންކުތަކާ އެއް ފެންވަރެއްގައި ހިދުމަތް ދެމުންދާތީ ލިބިފައިވާ އެވޯޑެއް ކަމަށެވެ.
ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެވޯޑް ލިބުމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓާ ޕީޓާ ހޯޓަން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެއިގެން ބީއެމްއެލްގެ މުއައްޒިފުންނަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ދިނުމުގައި ގާބިލްކަން ލިބިފައިވާބައެއް ކަން ރަމްޒްކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެން ޓީޓީގެ ހިދުމަތް މިދެނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ބެންކުތަކާ އެއްފެންވަރެއްގައި. ބޭންކުގެ އަމާޒަކީ ހުރިހާ ހިދުމަތެއް ވެސް އެލެވެވްއަށް ގެންދިއުން." ބީއެމްއެލްގެ ބަޔާނުގައިވެ އެވެ.
އެލީޓް ކޮލިޓީ ރެކްގްނިޝަން އެވޯޑަކީ ޖޭޕީ މޯގަން މެދުވެރިކޮށް ފައިސާ ފޮނުވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ހިދުމަތްދޭ ފަރާތަކަށް ދޭ އެވޯޑެކެވެ. ބީއެމްއެލް އަށް އެ އެވޯޑް ލިބުނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ބެންކުން ފޮނުވި ޓީޓީގެ 99.2 ޕަސެންޓް އެއްވެސް މައްސަލައެއް ނުޖެހި ލިބެންޖެހޭ ފަރާތްތަކަށް ރައްދު ކޮށްދީގެން ކަމަށް އެ ބޭންކުން ބުންޏެވެ.