11 Oct 2012, 22:32
ގާނޫނު އަސާސީއާ ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންގެ ޝަރީޢަތްތައް ތާވަލުކޮށްފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ރޭ އަބުދުﷲ ގާޒީ ދިރިއުޅުއްވާ، މ. ލިންކުހައުސް ގެއަށް މިލިޓަރީ ސިފައިން ވަދެ، އަބްދުﷲ ހައްޔަރުކޮށްގެން ގެންދިޔަ މައްސަލައާ ގުޅިގެން ދައުވާކުރަން ހުޅުމާލޭ ކޯޓަށް ހުށަހަޅާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް (ރިޓަޔާޑް) މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި އަދި ކާނަލް މުހައްމަދު ޒިޔާދުގެ އިތުރުން ރައީސް ނަޝީދުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭގެފާނުގެ މައްޗަށެވެ.
ދައުވާ ލިބޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް ޝަރީއަތް ބާއްވާފައި ވަނީ ކުރީގެ ރައީސް ނަޝީދުގެ މައްޗަށެވެ. އެހެން ބޭފުޅުންގެ ޝަރީއަތް ވެސް ބޭއްވުމަށް އެޖެންޑާ ކުރި ނަމަވެސް ޝަރީއަތްތައް ބާއްވާފައެއް ނުވެ އެވެ.
ޑިޕާޓްމަންޓް އޮފް ޖޫޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނި ގޮތުގައި، ރައީސް ނަޝީދުގެ ޝަރީއަތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. އަދި ޖެހިގެން އަންނަ ދުވަހުގެ ހަމަ އެ ގަޑީގައި ތޮލްހަތުގެ ޝަރީއަތް ބާއްވަން ތާވަލްކޮށްފައިވާ އިރު، ހަމަ އެދުވަހުގެ 5:00ގައި އިބްރާހިމް ދީދީގެ ޝަރީއަތް ބާއްވަން ވެސް ވަނީ ތާވަލްކޮށްފަ އެވެ.
ކާނަލް ޒިޔާދުގެ ޝަރީއަތް ބާއްވަން ތާވަލް ކޮށްފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު އެވެ. އަދި ހަމަ އެ ދުވަހުގެ 5:00ގައި މޫސާ އަލީ ޖަލީލުގެ ޝަރީއަތް ބާއްވަން ވަނީ ތާވަލްކޮށްފަވެ އެވެ.
ތިން ފަނޑިޔާރުންގެ މަޖިލީހަކުން ބަލާ އެ މައްސަލައިގައި އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ގަސްދުގައި ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.