ބިދޭސީންގެ ވިސާފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީއާ އެއް ވަރަކަށް ކާޑުގެ ބާވަތްތަކުގެ ސަބްސިޑީއަށް ކޮންމެ އަހަރަކުވެސް ހަރަދުކުރަން ޖެހޭ ކަމަށް ޑީޕާޓްމެންޓް އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނުން ބުނެފި އެވެ.

އިމިގުރޭޝަނުން ބުނީ ރާއްޖޭގެ ކާޑުގެ ބާވަތްތަށް ހެޔޮ އަގެއްގައި ރައްޔިތުނަށް ފޯރުކޮށްދިނުމަށް ބަޖެޓުން އެ ބާވަތްތަކަށް ސަބްސިޑީދޭއިރު ރާއްޖޭގެ އާބާދީގައި ބިދޭސީންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވުމުގެ ސަބަބުން ކާޑުގެ ބާވަތްތަށްވެސް ގިނައިން އެތެރެ ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ކާޑުގެ ބާވަތްތަކަށް ސަބްސިޑީގެ ގޮތުގައި ދައުލަތުން ކުރަންޖެހޭ ހޭދަ ބޮޑުވެފައިވާ ކަމަށެވެ.

"އެސްޓީއޯގެ ފަރާތުން ކާޑުގެ ބާވަތްތަކަށްކަނޑަ އަޅާފައިވާ އަގުތަކަށް ބަލައިފިނަމަ އެކްޓިވް ވޯކް ވިސާ ގައިތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް 2946.96ރ. އާގާތަށް ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވެވ އެވެ. އަދި ސަރުކާރަށް މަސައްކަތް ކުރާ ކޮންމެ ބިދޭސީންގެ ވިސާފީގެ ގޮތުގައި ލިބޭ އާމްދަނީއަކީ އަހަރަކަށް 3000 ރުފިޔާ އެވެ،" އިމިގުރޭޝަންގެ ސްްޓޭޓްމަންޓްގައިވެ އެވެ.

އަދި ބުނީ ކޮންމެ އަހަރެއްގެ މައްޗަށް ރާއްޖެއަށް އެތެރެކުރާ ބިދޭސީންގެ އަދަދު 15 ޕަސެންޓް އިތުރުވަމުން ދާނަމަ ކުރިއަށްއޮތް އަށް އަހަރު ދުވަހުގެ ތެރޭގައި ކާޑުގެ ސަބްސިޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އިމިގުރޭޝަނުން މީގެކުރިން ވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވަމުން އަންނަ ކަމަށާއި ރާއްޖޭގައި ބިދޭސީން ދިރިއުޅޭ ނިސްބަތް 2018 ވަނަ އަހަރު އަންނަ އިރު ދިވެހިންގެ އާބާދީއާ އެއްވަރު ވާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އިމިގުރޭޝަންގެ ތަފާސްހިސާބުތަށް ދައްކާ ގޮތުން ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަދުވެގެން މަހަކު 100 ޑޮލަރާއި 200 ޑޮލަރުގެ މަގުން އެމީހުންގެ ގައުމަށް ފައިސާ ބޭރު ކުރެ އެވެ. އެހެން ކަމުން ކުރިޔަށް އޮތް އަށް އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާ އާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުވާނެ ކަމަށް ލަފާކުރެވެ އެވެ.