ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް ހިންގާ އިންޑިއާގެ ޖީއެމްއާރާ ދެކޮޅަށް ބޮޑު އެއްވުމަކަށް ނުކުތުމަށް ސަރުކާރާ އިއްތިހާދުވެފައިވާ ޕާޓީތަކުން ނިންމައިފި އެވެ.

ނަލަހިޔާ ހޮޓެލްގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އަބްދުﷲ ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ ތިނެއްވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު އާޓްފިޝަލް ބީޗުގައި "ގައުމީ ބޮޑު މަހާސިންތާއެއް" ބާއްވާނެ ކަމަށެވެ.

ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ އެ ބޮޑު އެއްވުމުގައި ސަރުކާރާ އިއްތިހާދު ވެފައިވާ އަށް ޕާޓީ ބައިވެރިވާނެ ކަމުގެ ޔަގީންކަން ވެސް އިމްރާން ދެއްވި އެވެ.

އޭނާ ވިދާޅުވީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ޖީއެމްއާރު އަތުން އެއާޕޯޓް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ "ފޮނި މޭވާ" އެ ދުވަހު ލިބިގެންދާނެ ކަމުގެ އުމްމީދު ކުރައްވާ ކަމަށެވެ. އަދި އެދުވަހު އެއާޕޯޓް ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގެ އަޒުމް ޕާޓީތަކުގައި އެބައޮތް ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"ދިވެހި ހުރިހާ ރައްޔިތުން ގުޅިގެން ތެދުވެ، މިހަރަކާތުގައި ބައިވެރިވެ، ނަސްރުގެ ދުވަހު، 3 ނޮވެންބަރު ވާ ދުވަހު ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ދުވަހު ކުރުމަށް އަޅުގަނޑުމެން އެކުގައި އަތުގުޅައިގެން ތެދުވުމުގެ ފުރިހަމަ ޖޯޝާއި ފޯރީގައި މި ހަރަކާތް އަޅުގަނޑުމެން މިފެށީ،" އިމްރާން ވިދާޅުވި އެވެ.

މަދަނީ އިއްތިހާދުގެ ފަރާތުން ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދެއްކެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރު އަތުން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތް މަޑު ޖެހިފައިވަނީ މަޖިލިސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެ ހިތާމައަށް ފުރުސަތު ދިނުމަށްފަހު އަނެއްކާވެސް އެ މަސައްކަތް ފެށުނީ ކަމަށާއި ޖީއެމްއާރު އަތުން އެއާޕޯޓް މިނިވަން ވަންދެން އެއާޕޯޓް ހޯދުމުގެ މަސައްކަތުގައި ފަސްޖެހުމެއް ނެތި ކުރިއަށް ދާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ނަސްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސްރީލަންކާގެ ތަމަޅަ ޓައިގަރުންނާއި ދިވެހިންގެ ބަޔަކު ގުޅިގެން 1988 ނޮވެމްބަރު 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއިން ދިވެހި ގައުމު ސަލާމަތްވި ދުވަހުގެ ގޮތުގަ އެވެ. ޝެއިހް އިމްރާން ވިދާޅުވީ އެ ދުވަހު އިންޑީއާގެ ޖީއެމްއާރާ ދެކޮޅަށް ނުކުންނަނީ ތަމަޅަ ޓައިގަރުންގެ ކިބައިން ދިވެހި ގައުމު ސަލާމަތްކުރުމުގައި އިންޑިއާއިންވީ އެހީތެރިކަން ހަނދާން ކުރަމުން ކަމަށެވެ.

އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބާއްވާ "ދިވެހިރައްޔިތުންގެ ގައުމީ ހަރަކާތް" ބާއްވާކަން އިއުލާން ކުރުމަށް މިއަދު ނަލަހިޔާގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ބައިވެރިވީ ހަތަރު ސިޔާސީ ޕާޓީއެއްގެ ބޭފުޅުންނެވެ. އެއީ ޖުމްހޫރީ ޕާޓީ އާއި ޑީއާރްޕީ އާއި އަދާލަތު ޕާޓީގެ އިތުރުން އެމްއާރުއެމް އެވެ. ޕީޕީއެމްއާއާއި ޕީއޭ އާއި ގައުމީ ޕާޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެ އެވެ.