11 Oct 2012, 17:27
މިއަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ހުކުރުނަމާދަށް ފަހު އިސްލާމީ މަރުކަޒުން މީހުން ފޭބި ވަގުތު ޖުމްހޫރީ މައިދާން ކޯޑަންކޮށްގެން ތިބި ފުލުހުންގެ ސަފުތައް ފަޅާލި ފަސް މީހަކު 3000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އެއް މަސް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް ހުކުމްކޮށްފި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގައި 3000ރ. އިން ޖޫރިމަނާކޮށްފައި ވަނީ ކ. ހުރާ، ހަނދާން، ހުސެއިން ނިޔާޒާއި، ގދ. ގައްދޫ ޒަމާނީވިލާ، އަބްދުﷲ ސައީދާއި، ސ. މަރަދޫފޭދޫ، ދޮންދުބުރިގޭ، ހުސެއިން އަފީފާއި، މ. އޯގަމް އިބްރާހިމް އަހުމަދާއި، ރ. ހުޅުދުއްފާރު، ޝަކީލީހިޔާ، އިބްރާހިމް ޝަރީފް އެވެ.
އެ ފަސް މީހުންނަކީ އެ ދުވަހު އެމްޑީޕީން ޖުމްހޫރީ މައިދާން ސަރަހައްދުގައި ކުރި މުޒާހަރާގައި ބައިވެރިވި ބައެކެވެ. އެ ފަސް މީހުންގެ އިތުރުން ދެ މީހެއްގެ މައްޗަށް ވެސް ދައުލަތުން އެ ދައުވާ ކުރި އެވެ. ނަމަވެސް ހެކި ލިބިފައި ނުވާތީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ.
އެ މީހުންގެ މައްޗަށް މިއަދު ކުރި ހުކުމްގައި ބުނަނީ މި އަހަރުގެ މާޗް މަހުގެ 16 ވަނަ ދުވަހު ހުކުރުނަމާދަށް ފަހު އިސްލާމީ މަރުކަޒުން މީހުން ފޭބި ވަގުތު ޖުމްހޫރީ މައިދާން ސަރަހައްދަށް ނުވަދެވޭ ގޮތަށް އެ ސަރަހައްދު ފުލުހުން ބަންދުކޮށްގެން ތިއްބާ އެ ފަސް މީހުން ފުލުހުންގެ ސަފުތައް ކައިރިއަށް ގޮސް ހަޅޭލަވާފައިވާ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ހަޅޭލެވުމުގެ އިތުރަށް ފުލުހުންގެ ސަފުތައް ކޮއްޕައި ތަނުގެ މަސްލަހަތު ނަގާލައި ފުލުހުންގެ ސަފުތައް ރޫޅާލައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް އެ ފަސް މީހުން ވަދެފައިވާ ކަމަށެވެ. އަދި އެތަނުން އެނބުރި ދިޔުމަށް ފުލުހުން އެންގުމުން ވެސް އެތަނުން ނުގޮސް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކޮށްފައިވާކަން އެވަގުތު އެތަނުގައި ހަރަކާތްތެރިވި ފުލުހުންގެ ހެކިބަހުން ޝަރީއަތަށް ސާވިތުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.