11 Oct 2012, 17:16
އިންޝުއަރެންސްގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ އެލައިޑް އިންޝުއަރެންސްގެ ދެ ހިދުމަތެއް އޮންލައިންކޮށް ދިނުމުގެ ހިދުމަތް ތައާރަފްކޮށްފި އެވެ.
މިއަދު އެހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެލައިޑްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އަބްދުލް ވާހިދު ތައުފީގް ވިދާޅުވީ މިއަދު ތައާރަފްކުރި އޮންލައިން ހިދުމަތުން އެ ކުންފުނިން ދެމުންދާ މޮޓޯ އިންޝުއަރެންސް އާއި ޓުރެވަލް އިންޝުއަރެންސްގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އޮންލައިން ހިދުމަތުގެ އެންމެ ބޮޑު ފޯކަސް އަކީ އާންމުނަށް އޮންލައިންކޮށް މޮޓޯ އިންޝުއަރެންސްގެ ގަނެވޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށެވެ.
"މިގޮތުން ކޮންމެ ބޭފުޅަކު ވެސް އެބޭފުޅެއްގެ ގޭގައި ނުވަތަ އޮފީހުގައި ތިއްބަވައިގެން ނުވަތަ ރާއްޖޭގެ ކޮންމެ ރަށެއްގައި ނުވަތަ ރާއްޖެ އިން ބޭރުގައި ތިއްބައިވައިގެން ނަމަވެސް މޮޓޯ އިންޝުއަރެންސް އޮންލައިންކޮށް ބަލައިގަނެވޭނެ. އަދި ބައްލަވާގަނެފައި އޮންލައިންކޮށް ޕޮލިސީ މިސިސްޓަމް މެދުވެރިކޮށް އިޝޫކުރެވޭނެ. އަދި ހަމަ ޓުރެވަލް އިންޝުއަރެންސް ވެސް މިގޮތަށް އޮންލައިންކޮށް ބެނުންކުރެވޭނެ،" ވާހިދު ވިދާޅުވި އެވެ.
އެލައިޑް އިންޝޫރެންސްގެ މެނޭޖާ އިންފޮމޭޝަން ސިސްޓަމްސް އަހުމަދު ރިއާޒީ މުހައްމަދު ވިދާޅުވީwww.alliedmaldives.comއިން އެހިދުމަތް އިތުރު ޗާޖަކާ ނުލައި ލިބިގެންދާނެ ކަމަށެވެ. އަދި ވިދާޅުވީ އާންމުގެ ތަރުހީބަށްބަލައި އެލައިޑްގެ ގިނަ ހިދުމަތްތަށް އޮންލައިންކޮށް ދިނުމަށް ވިސްނާފައިވާ ކަމަށެވެ.
އެލައިޑް އިންޝުއަރެންސް އިން ވަނީ މޯޓޯ އިންޝުއަރެންސް ކުރުމަށް އާންމުނަށް ފަސޭހަކޮށްދިނުމުގެ މީގެ ކުރިން ވެސް ތަފާތް ހަރަކާތްތަކެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި މާލޭގައި ރޯޑް ޝޯތައް ބޭއްވުމުގެ އިތުރުން އަތޮޅު ތެރޭ ބޮޑެތި އާބާދީތައް ހިމެނޭ ރަށް ރަށަށް ޒިޔާރަތްތކޮށް އެހިދުމަތް ދީފައިވެ އެވެ. އެލައިޑުން ބުނީ މިއަދު ތައާރަފްކުރި ހިދުމަތުގެ ސަބަބުން ކޮންމެ ތާކުހުރެ ވެސް އެ ދެ އިންޝުއަރެންސްގެ ހިދުމަތް ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.