އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރަން އަށް ފަރާތަކުން ކުރިމަތިލައިފި އެވެ.

އައްޑޫސިޓީ ކައުންސިލް އިދާރާއިން ބުނީ ނޮވެމްބަރު ހަތެއްގައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހަމަވިއިރު އަށް ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ އިންތިޚާބީ ހަ ދާއިރާގެ ތެރެއިން ހިތަދޫ ދެކުނު ދާއިރާއާއި ފޭދޫ ދާއިރާއަށް ދެ ކެންޑިޑޭޓުން އަދި ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ހުޅުމީދޫ ދާއިރާ އާއި މަރަދޫ ދާއިރާއަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ އިންތިޚާބާ ބެހޭ ކޮމެޓީން އަންނަނީ ބަލަމުންނެވެ.

އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ މަސައްކަތް ކުރާނީ އައްޑޫ ސިޓީ ކައުންސިލްއިދާރާގަ އެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ކުރިމަތިލުމަށްޓަކައި މާލޭ ސިޓީގެ 11 ދާއިރާ އަށް 16 މީހަކު ވަނީ ކުރިމަތިލައިފަ އެވެ.