11 Sep 2010, 10:15
15:16
އިއްޔެގެ މަނާ ގަޑީގައި ވެހިކަލް ދުއްވައިގެން މާލެ އާއި އަތޮޅުތަކުން ސާޅީސް މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް، ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޝިޔާމު މިއަދު ވިދާޅުވީ، ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވައިގެން މާލޭން ސަތާރަ މީހެއްގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށާއި، އައްޑު އަތޮޅުން ތޭވީސް މީހެއްގެ ލައިސަންސް ހިފެހެއްޓި ކަމަށެވެ. އަދި އިތުރަށް މައްސަލަ ބެލުމަށްފަހު، ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނީ ޓްރެފިކް ޕޮލިހުން ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ.
ޝިޔާމު އަދި ވިދާޅުވީ، އިއްޔެ ވެހިކަލް ދުއްވުން މަނާކޮށްފައި އޮތް ގަޑީގައި އެކަމަށް އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
ފިތުރު ޢީދުދުވަހާ ގުޅުވައިގެން އިއްޔެ ހަވީރު 4:00 އިން ފެށިގެން ރޭ މެންދަމު 1:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅަނދުފަހަރު ދުއްވުން މަނާކޮށް، ފައިމަގުގައި އުޅުމަށް ސަރުކާރުން އޮތީ ހަމަޖައްސައިފަ އެވެ. ނަމަވެސް، ސަލާމަތީ ބާރުތަކުން ދުއްވާ އުޅަނދާއި އެމްބިއުލާންސާއި ހާއްސަ ހުއްދައެއް ދޭ ޓެކްސީ އާއި ޕިކަޕުގެ އިތުރުން ކުއްލި ސަބަބުތަކާ ހުރެ ބޭނުންކުރަން ޖެހޭ އުޅަނދުތައް ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ހަމަޖައްސައިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ ބުނެފައި ވަނީ، އެކަމާ ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާކުރާނެ ކަމަށެވެ.