11 Oct 2012, 17:02
ކޯޓަށް ހާޒިރުނުވެގެން ފުލުހުންގެ މައްޗަށް ކުރި އަމުރާއި އެއްގޮތަށް ރައީސް ނަޝީދު ހައްޔަރު ކޮށްގެން މާލެ ގެނައި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާ އަދި އީޔޫން ނެރުނު ބަޔާންތަކުގައި ހުރި ކަންތައްތައް ރާއްޖެއިން ބަލައިގަނެ އެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރާނެ ކަމަށް ދިވެހި ހާރިޖިއްޔާއިން މިއަދު ހާމަކޮށްފި އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ދުންޔާ ވިދާޅުވީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ރާއްޖޭގެ ޑިމޮކްރެސީއާ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމުގެ ބޮޑެތި މަސައްކަތް ތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބޭރުގެ ފަރާތްތަކަށްވެސް ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރެވޭނެ ކަމަށާއި، އެއީކީ އެއްވެސް ޑިމިކްރެސީ އެއްގައި އެކަން އޮންނާނެ ގޮތް ނޫން ކަމަށެވެ.
"އިނގިރޭސި ވިލާތާއި، އެމެރިކާ އަދި ޔޫރަޕުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައްތަށް އަޅުގަނޑުމެން ބަލައިގެންފިން. އަޅުގަނޑުމެން އެކަންތައްތައް ނޯޓު ކޮށްފިން. ސަރުކާރުން މިތިބީ ޑިމޮކްރެސީ ހަރުދަނާކޮށް ރޫލް އޮފް ލޯ ކުރިއެރުވުމަށް މަސައްކަތް ކުރަން. އަޅުގަނޑުމެން މިގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން،" ދުންޔާ ވިދާޅުވި އެވެ.
ރާއްޖެއާ ބެހޭ ގޮތުން އީޔޫއިން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެ ޖަމާއަތުގެ އިސް ޑިޕްލޮމެޓަކު ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި ރައީސް ނަޝީދުގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރު ކުރުމަށް ސަރުކާރުގައި އެދޭ ކަމަށެވެ. އަދި ރާއްޖޭގެ ހަމަޖެހުން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލަމުން ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ވެސްވަނީ އެ ބަޔާނުގައި ގޮވާލާފައެވެ.
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ ހުރިހާ ފަރާތްތަކުން ވެސް ސުލްހައިގެ މަގު އިސްކޮށް ވާހަކަތަކައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި ނަޝީދުގެ ޝަރީއަތް އިންސާފުވެރިކޮށް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.
ދުންޔާ ވިދާޅުވީ ހަގީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދަނީ ވަކި ފަރާތަކުންކަން ދިވެހިންނަށް ސާފުވެފައިވާ ކަމަށާއި، ނަމަވެސް ބޭރުގެ ބައެއް ފަރާތް ތަކަށް އަދިވެސް އޮޅުން ތަކެއް ހުރި ނަމަވެސް ގިނަ ގައުމު ތަކަށް މިހާރު ހަގީގަތް ހާމަވެފައިވާ ކަމަށެވެ. އެގޮތުން ބޭރު ގައުމު ތަކުން ނެރެފައިވާ ސްޓޭޓްމެންޓް ތަކަށް ބަލާލުމުން ރާއްޖޭގެ ކަންތައްތައް މިހާރު ގެންދާ ގޮތާއި މެދު ތައުރީފު ކޮށްފައިވާކަން ފެންނަން އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ސްޓޭޓްމެންޓް ތަކަށް ބަލާލުމުންވެސް ވަރަށް ރަނގަޅަށް އެނގޭނެ ރާއްޖޭގެ ކަންތައް ތައް މިހާރު ގެންދާ ގޮތަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައިވޭ. އަޅުގަނޑުމެންގެ ޝަރުއީ ނިޒާމުގައިވެސް ފުރިހަމަ މިނިވަންކަން އޮތް ކަމާއި، އަދި އެކަންތައް ތަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޮރުވަން މަސައްކަތް ނުކުރެވޭނެ ކަމަށް" ދުންޏާ ވިދާޅުވި އެވެ.