ވަކި ފަރާތަކަށް ފައިދާ ލިބޭ ގޮތަށް އެއްބަސްވުން ތައްޔާރުކޮށް އަމަލުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި މާވަށު ކުރީގެ ކައުންސިލަރު ވަލީދު ޒަކަރިއްޔާ އާއި އެ ރަށު އޮފީހުގެ ކުރީގެ ކުޑަ ކަތީބު އަދި މިހާރު އެ އޮފީހުގެ ސީނިއާ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރު އަބްދުލްޣަފޫރު އިސްލާއީލްގެ މައްޗަށް، ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މާވަށު އޮފީސް ކުރިން ހިންގި އިމާރާތް ހުރި ގޯތީގެ އިރަށް އޮތް ހުސްބިން ކުއްޔަން ދޫކުރުމަށް ޓަކައި، މާވަށު އޮފީހުން އާންމު ކުރި މައުލޫމާތު ކަރުދާހުގައި އެ ބިން ކުއްޔަށް ދޭނެ ކަމަށް ބުނެފައިވާ މުއްދަތަށް ވުރެ ކުއްޔަށް ދިން މުއްދަތު އިތުރު ކަމަށެވެ.

"އަދި ލ. މާވަށު އޮފީހައި ބިން ކުއްޔަށްދީފައިވާ ފަރާތާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަދާފައި ވަނީ، ކުއްޔަށް ދީފައިވާ ފަރާތަށް ނާޖާއިޒު ފައިދާތަކެއް ލިބޭ ގޮތަށްކަން ފާހަގަކުރެވެ އެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.

އޭސީސީ އިން ބުނީ ވަލީދު ޒަކަރިއްޔާ އާއި އަބްދުލްޣަފޫރު އިސްމާއީލުގެ މައްޗަށް މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ކަމަށެވެ.