11 Oct 2012, 16:48
ރާއްޖެ ގެންނަ ބިދޭސީންގެ ނަމުގައި ބަހައްޓާފައި ހުންނަ ޑިޕޮސިޓް ފައިސާގެ ތެރެއިން ހިއުމަން ރިސޯސް މިނިސްޓްރީ އަށް ދެއްކި ބައެއް ޓިޕޮސިޓް ފައިސާ ނުލިބޭތާ ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މީހުން ރެކްރޫޓްކުރާ، އެޖެންސީތަކުން މިއަދު ބުނެފި އެވެ.
ސަން އޮންލައިނާ ވާހަކަ ދެއްކި ބައެއް އެޖެންސީތަކުގެ އިސްވެރިން ބުނީ ބައެއް ބިދޭސީން ފުރުވާލުމަށް ފަހު ޑިޕޮސިޓް ރިފަންޑަށް އެދުމުން މީގެ ކުރިން އެ ފައިސާ 15 ދުވަހާއި 30 ދުވަހާ ދޭތެރޭގައި ރިފަންޑް ކޮށްދޭ ކަމަށާއި ވޭތުވެ ދިޔަ ތިން މަސްދުވަހު ރިފަންޑް ސްލިޕްތައް ދޫކޮށްފައި ހުރި ނަމަވެސް ފިނޭންސަށް ހުށަހެޅުމުން އެ ފައިސާ ނުލިބޭ ކަމަށެވެ. އަދި އެގޮތަށް ދިމާވަނީ ލޭބާ މިނިސްޓްރީ އަށް ދެއްކި ޑިޕޮސިޓް ފައިސާގައި ކަމަށް ވެސް އޭނާ ބުންޏެވެ.
"ފިނޭންސަށް ސްލިޕް ހިފައިގެން ދިޔައިމާ އެ ފައިސާ ލޭބާ މިނިސްޓްރީން ޖަމާ ނުކުރާ ވާހަކަ ބުނަނީ. ކިތަންމެ ފައިސާއެއް ނުލިބިފައި އެބަހުރި. މި ދެތިން މަހެއް މިހެންވަނީ،" ބިދޭސީންގެ ރެކްރޫޓް އެޖެންސީއެއް ހިންގާތާ 10 އަހަރުވެފައިވާ މީހަކު މަސްލަހަތަށް ޓަކައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.
އެކި ގައުމުތަކުން ގެންނަ ބިދޭސީންނަށް ޑިޕޮސިޓް ބަހައްޓަން ޖެހެނީ އެކި ވަރަށެވެ. ބަންގްލަދޭޝް މީހަކަށް 8000ރ. ބަހައްޓަން ޖެހޭ އިރު ނޭޕާލް މީހަކަށް 6400ރ. އަދި އިންޑިޔާ މީހަކަށް 3500ރ. ބަހައްޓަން ޖެހެ އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ އިދާރާ އަށް ބަލައިގަންނަމުންދާ ޑިޕޮސިޓް ފައިސާ ރިފަންޑް ކޮށްދިނުމުގައި އެއްވެސް މައްސަލައެއް ނުޖެހޭނެ ކަމަށާއި ލޭބާ މިނިސްޓްރީން ނަގާފައި ހުރި ޑިޕޮސިޓް ފައިސާ ރިފަންޑް ނުކުރެވިގެން އުޅެނީ ޑިޕޮސިޓް ފައިސާ ނަގާފައި ހުރި ބައެއް އުސޫލުތަކުގެ ސަބަބުން އަރައިގެން އުޅޭ އޮޅުންތަކެއްގެ ސަބަބުން ކަމަށެވެ.
"ކުރީގެ ބައެއް ޑޮކިއުމަންޓްތަކަށް އެކްސެސްނުވުމާއި އަދި ކުރިން ބައެއް މީހުންނަށް ހުރީ ތަންކޮޅެއް އިތުރަށް ވަކި ރޭންޖަކުން ފައިސާ ނަގާފައި. އެހެންވީމާ އެ މައްސަލަތައް ދިމާވަނީ. މިހާރު އެކަން ހައްލުކުރަން ސަރުކާރުން އެބަ މަސައްކަތް ކުރައްވާ،" އޮފިޝަލް ވިދާޅުވި އެވެ.