11 Oct 2012, 15:49
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިއާ ޑރ. އަފްރާޝީމް އަލީ އަހަވާރަކޮޮށްލި މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް، ޝަރީއަތަށް ސާބިތު ހިފޭ ވަރަށް ހެކި ހުށަހަޅާ ފަރާތަކަށް 500،000ރ.ގެ އިނާމެއް ދިނުމަށް ފުލުހުން ހުށަހަޅައިފި އެވެ.
މިއީ ފުލުހުން ހިންގާ ތަހުގީގަކަށް އެހީވާ ފަރާތަކަށް ފައިސާގެ އިނާމެއް ހުށަހަޅާ ފުރަތަމަ ފަހަރެވެ.
އިސްކަންދަރު ކޮށީގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ކުޑަ ވެސް މައުލޫމާތެއް އެނގޭ މީހަކުވާ ނަމަ، އެ މައުލޫމާތެެއް ފުލުހުންނަށް ހިއްސާ ކުރުމަކީ ފުލުހުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި އެފަދަ ޝަރީއަތަށް ސާބިތުވާ ހެކި ހުށަހަޅާ މީހަކަށް 500،000ރ.ގެ އިނާމެއް ހުށަހެޅީ ވެސް ޑރ. އަފްރާޝީމަކީ ހައިޕްރަފައިލް ބޭފުޅަކަށްވާތީ ކަމަށާއި އެ މައްސަލަ ވަރަށް ސީރިއަސްކޮަށް ބައްލަވަން ބޭނުންފުޅުވާތީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ ތަހުގީގަށް މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއިން ކޮންމެ މީހަކީ ވެސް އެ މައްސަލައާ ކޮންމެވެސް ގުޅުމެއް އޮތް މީހެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލައިގައި ހިމެނޭ ބަޔަކު އަދި ހައްޔަރުނުކުރެވި ވެދާނެތީ އާއި ތަހުގީގަށް ހުރަސްއެޅިދާނެތީ އެ މީހުންނާ ބެހޭ ތަފްސީލެއް އަދި ދެއްވެން ނެތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
މެދުމިނެއްގެ އިސްލާމީ ފަތުވާ ދެއްވާ، ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް، އަވަހާރަކޮށްލާފައި ވަނީ، ރިޔާޒު ވިދާޅުވި ގޮތުގައި، ބަޔަކު ރާވަައިގެންކަން ތަހުގީގަށް އެނގެ އެވެ. އަދި އަފްރާޝިމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ބަޔަކާއި އަދި ޕްލޭން ކުރި ބަޔަކުވާ ނަމަ، ނޫނީ ފައިސާ ހަރަދު ކުރި ބަޔަކުވާ ނަމަ، އެބަޔަކު ހޯދައި ޝަރީއަތުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ރިޔާޒު ދެއްވި އެވެ.
ޑރ. އަފްރާޝީމް އަލީގެ ތަހުގީގުގައި 80 ފުލުހަކު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މައްސަލައިގައި މިހާތަނަށް 130 ސީސީ ޓީވީއެއްގެ ވީޑިއޯ ފޫޓޭޖް ނަގާފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ. އަދި އެމައްސަލައިގައި 75 ފަރާތަކާ ސުވާލުކޮށްފައިވާ ކަމަށް ވެސް ކޮމިޝަނާ ވިިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ ތަހުގީގު ކުރިއަށް ގެންދާ ސްޕީޑާ މެދު އާއްމު ބައެއް ފަރާތްތަކާއި މީޑިއާގެ ކަންބޮޑުވުން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ވަރަށް ޕްރޮޕެޝަނަލްކޮށް ކަމަށާއި އެ މައްސަލަ ކާމިޔާބު ވަންދެން ތަހުގީގު ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
"ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފާ ވެސް ހޯދައިގެން މިމައްސަލައިގެ ތަހުގީގުކުރިއަށް މިދަނީ. އަޅުގަނޑުމެންގެ ތަހުގީގު މިހާތަނަށް ކުރިއަށް ގޮސްފައިވާ އޮތް ހިސާބަށް ބަލާ އިރު މިސްޕީޑުގައި ކުރިއަށް ދެވިއްޖެ ނަމަ މާގިނަ ދުވަސްތަކެއް ނުވެ މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އަބްދުﷲ ރިޔާޒު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމްގެ އަވަހަރާކޮށްލި މައްސަލަ ފުލުހުން ތަހުގީގު ކުރާ އިރު، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ފުލުހުން ހޯދާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ. އެގޮތުން އެފްބީއައިގެ ދެ އޮފިޝަލަކު ދިވެހި ފުލުހުންނާ އެކު ތަހުގީގުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
"އެފްބީއައިގެ ބޭފުޅުން މިމައްސަލައިގެ ދޭނީ ފުލުުހުންނަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް. އެގޮތުން އެބޭފުޅުން އެއްވެސް ހާލެއްގައި ދިވެހި ފުލުހުންނަށް ލިބޭ އިއްތިޔާރާއި ބާރު ބޭނުމެއް ނުކުރާނެ. އެބޭފުޅުންގެ ތަޒުރިބާ އާއި މައުލޫމާތު މިމައްސަަލައިގައި ބޭނުންކުރާނީ." ރިޔާޒު ވިދާޅުވި އެވެ.
ކޮމިޝަނާ ވިދާޅުވީ އެ މައްސަލާގައި އެފްބީއައިގެ ބޭފުޅުން ހަރަކާތްތެރިވުމަކީ ތަހުގީގު ކޮންމެ ގޮތަކަށް ނިމުނު ކަމަށް ވިއަސް، ފުލުހުންގެ ތަހުގީގަށް ދުނިޔެ އާއި އާއްމުންގެ އިތުބާރު ލިބޭނެ ކަމެއް ކަމަށެވެ.
ޑރ. އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ވެސް ރަހުމްކުޑަ ގޮތަކަށް އަވަހާރަކޮށްލައިފައި އޮއްވާ ފެނިފައިވަނީ މި މަހުގެ ފުރަތަމަ ރޭ ދަންވަރުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެ، ހ. ފުންވިލު ގޭގެ ގޯތިތެރޭގައި އޮއްވަ އެވެ.