11 Oct 2012, 15:04
ވެރި ފަތާރުގެ ހުއްދަނެތި ގެޔަކަށް ވަތް މީހަކު 150ރ. އިން ޖޫރިމަނާކުރުމަށް ފަހު އެފައިސާ ހަތް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހުކުމް ކޮށްފި އެވެ.
އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި 150ރ. އިން ޖޫރިމަނާކޮށްފައި ވަނީ އދ. މާމިގިލީ ކަރަންކާވިލާ އަހުމަދު އިބްރާހިމެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ މިއަހަރުގެ ޖެނުއަރީ 14 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. އޯކްލީފްގޭގެ ވެރިފަރާތުގެ ހުއްދައާ ނުލައި އަހުމަދު އިބްރާހިމް އެ ގެއަށް ވަދެފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާކަމަށެވެ.
އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށެއް އޭނާގެ މައްޗަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ އެކުށުގެ އުގޫބާތެއްގެ ގޮތުން އާންމު ގާނޫނުތަކުގެ ހަތަރު ވަނަ މާއްދާ އާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ދަށުން 150ރ. އިން އޭނާ ޖޫރިމަނާކުރުމަށް ފަހު އިއްޔެ އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ކްރިމިނަލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.