ރިސޯޓަކަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކާއި އަދި ގެސްޓު ހައުސްއެއްގެ ތެރެއިން މަސްތުވާތަކެއްޗާ އެކު ދެ މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އދ. މާމިގިލީގައި ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ އޮޕަރޭޝަންގައި އިއްޔެ ހަވީރު 5:30 ހާއިރު ހައްޔަރު ކޮށްފައި ވަނީ އުމުރުން 19 އަހަރާއި 23 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށުގެ ގެސްޓް ހައުސްއެއްގެ ކޮޓަރިއެއްގެ ތެރެއިންނެވެ. އަދި އެކޮޓަރި ތެރެއިން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 36 ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަދި ދެވަނަ އޮޕަރޭޝަނުގައި އުމުރުން 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ރިސޯޓަކަށް މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަދި އިއްޔެ މެންދުރު 12:15 ހާއިރު އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ދެ މައްސަލަ މާމިގިލީ ޕޮލިސް ސްޓޭޝަނާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.