ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަން ހއ. ބެރިންމަންދޫ ބީލަމަށް ލުމުން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށް އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓުރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބެރިންމަދޫ ރިސޯޓަކަށް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް އިއުލާން ކުރުމުން ޝައުގުވެރިވި ހަތަރު ފަރާތަކުގެ އެކްސްޕްރެޝަން އޮފް އިންޓުރެސްޓް (އޯއޯއައި) ބާތިލްކޮށް އަލުން ބީލަމަށްލީ ސަރުކާރުން އެކުލަވާލާފައިވާ މިންގަނޑަށް ހުށަހެޅުންތައް ލިބިފައިނުވުމުން ކަމަށެވެ. ބެރިންމަދޫގައި ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިކަން ފާޅުކުރީ ރާއްޖޭގެ ތިން ފަރާތަކުންނާއި ބޭރުގެ ފަރާތެއް ތަމްސީލްކުރާ ދިވެހި ފަރާތަކުން ނެވެ.

ބެރިންމަދޫ ތަރައްގީ ކުރުމަށް ހުޅުވާލާފައި ވަނީ 200 އެނދުގެ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގަ އެވެ. ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ ރަށުގެ ރިސޯޓް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމަށް ޓަކައި ވިއްކާ ބީލަން ފޮތް މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީން ވިއްކާނެ ކަމަށެވެ. އަދި ބުނީ އެ ރަށުގެ ޕްރީބިޑް މީޓިން އަންނަ ހޯމަ ދުވަހު ބާއްވާނެ ކަމަށެވެ.

އެ ރަށް ވަނީ 2007 ވަނަ އަހަރު ވެސް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ބަޔަކަށް ކުއްޔަށްދީފަ އެވެ. އަދި އެ ރަށް އަލުން ބީލަމަށް ލަނީ އެ ރަށް ކުއްޔަށް ހިފި ފަރާތުގެ އެދުމުގެ މަތިން އެ ފަރާތަށް އެހެން ރަށެއް ރިސޯޓް ތަރައްގީ ކުރުމަށް ހަމަޖައްސައި ދިނުމާ ގުޅިގެން ނެވެ.