ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް އިންސާފުވެރިވާނެ ކަމަށާއި އެ ޝަރީއަތް އިންސާފުވެރިވާން ޖެހޭނެ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހާއްސަ ސަފީރު ޑޮނަލްޑް މެކެނަން ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގާ ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަކަށް އެމަނިކުފާނު ހައްޔަރު ކުރި ކުރުމާ ގުޅޭ ގޮތުން ރޭޑިއޯ އޮސްޓްރޭލިއާ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެކެނަން ވިދާޅުވެފައި ވަނީ ރާއްޖޭގެ މާހައުލު ވަރަށް ސިޔާސީ ވެފައިވާ ކަމަށާއި ނުތަނަވަސްކަން ބޮޑު ކަމަށާއި އެހެން ނަމަވެސް އެ ޝަރީއަތް އިންސާފުވެރި ވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އެ( ޝަރީއަތް )ޔަގީނުން ވެސް އިންސާފުވެރިވާނެ. އެޝަރީއަތް އިންސާފުވެރިވާން ޖެހޭނެ. ޝަރުއީ ނިޒާމަކާ މެދު މީހުން އުއްމީދުކުރާނީ ކިހިނެއްކަން މިމީހުންނަށް ރަނގަޅަށް އިނގޭނެ. ސިޔާސީ ވުން އެގައުމުގައި އޮތީ ވަރަށް މަތީ ދަރަޖައަކަށް. އެތާ އޮތީ ދުވަހެއް ދުވަހަކަށް އުނދަގޫ ވަމުން އަންނަ ނުތަނަވަސްކަން ބޮޑު މާހައުލެއް. އެހެން ނަމަވެސް އިންސާފުވެރި ޝަރީއަތެއް ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް،" ރައީސް ނަޝީދުގެ ޝަރީއަތް އިންސާފުވެރި ވެދާނެ ކަމަށް ގަބޫލުކުރައްވަންތޯ ރޭޑިއޯ އޮސްޓްރޭލިއާ އިން ސުވާލުކުރުމުން މެކެނަން ވިދާޅުވެފައިވެ އެވެ.

މެކެނަން އަދި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ޝަރީއަތުގައި ރާއްޖޭގެ ޝަރުއީ ނިޒާމުން ވަރަށް ފަރުވާތެރިވާނެ ކަމަށާއި އެ ޝަރީއަތް ބަލާނީ ހަމަ އެކަނި މަދު ދިވެހިންކޮޅެއް ނޫން ކަމާއި ބައިނަލް އަގުވާމީ މުޖުތަމައުން ވެސް ބަލާނެ ކަން އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މެކެނަން އަދި ވިދާޅުވެފައި ވަނީ އަބުދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ޝަރީއަތަށް ރައީސް ނަޝީދު ހާޒިރުކުރުމަކީ ހީނުކުރައްވައި ހުންނަވަނިކޮށް ހިނގި ކަމެއް ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މަގުފަހިވި ހާދިސާތަކުގެ ތެރޭގައި އެ ހާދިސާ ހިމެނޭ ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ މުޖުތަމައާއި ކޮމަންވެލްތުން ވެސް އެކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށެވެ. އަދި މެކެނަން ވިދާޅުވީ ނަޝީދަށް ފުރުސަތު ނުގެއްލޭނެ ކަމަށެވެ.

"އެ ހާދިސާއަކީ ވެރިކަން ބަދަލުވުމަށް މަގު ފަހިވި އެއް ހާދިސާ. އެހެންވީމާ ބައިނަލް އަގުވާމީ މުޖުތަމައުން އަދި ކޮމަންވެލްތުން ވެސް މިކަން ކައިރިން ބަލަމުންދާނެ،" މެކެނަން ވިދާޅުވެފައިވެ އެވެ.