15:14


އެމްޑީޕީގެ ދާއިރާ އިންތިޚާބުގައި ކުރިމަތިނުލައި ހުރި މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެތައް ފަހަރަކު ފަސްކުރުމަށް ފަހު މި މަހުގެ 13 ވާ ހޯމަ ދުވަހާ ހަމަޔަށް ކުރިމަތި ލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.


އެމްޑީޕީން ބުނީ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި އެސްއެމްއެސް މެދުވެރިކޮށް މެމްބަރުންނަށް ރަޖިސްޓްރީ ކުރެވޭނޭ އިންތިޒާމެއް މިހާރު ވަނީ ތަޢާރަފް ކޮށްފައި ކަމަށެވެ. ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރާނީ ވޯޓުލުމަށް ޕޯލިން ސްޓޭޝަނަށް ދާން ބޭނުންނުވާ ނުވަތަ ޕޯލިންސްޓޭޝަނަށް ދިޔުމަށް އުޒުރުވެރިވާ މެމްބަރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކަމަށް އެމްޑީޕީން ބުންޏެވެ.


އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، މަގާމްތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލްކޮށް އަލުން ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން ވަނީ މިދިޔަ މަހުގެ ތެރޭ ހުޅުވާލައިފަ އެވެ.


އިންތިޚާބަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާތިލްކޮށް އަލުން ކުރިމަތިލާ ގޮތަށް ހަމަޖެއްސީ އިލެކްޝަން ޕްރޮސެސްގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކޮށް، އެގޮތަށް ނިންމުމަށް އެމްޑީޕީގެ ޤައުމީ އިންތިޚާބާ ބެހޭ ކޮމިޓީން ކަނޑައެޅުމާ ގުޅިގެން ކަމަށެވެ.