11 Oct 2012, 13:57
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ އަނިޔާވެރި މަރުގެ ބިރުވެރިންކަން އުފެދިފައިވާ ދަނޑިވަޅެއްގައި އެމްއެންޑީއެފްގެ ހާއްސަ ތަމްރީނުތަކެއް ލިބިފައިވާ ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ބޮޑީގާޑުން ހަތް ވަޒީރެއްގެ ހަށިފާރަވެރިންގެ ގޮތުގައި ހަމަޖައްސައިފި އެވެ.
އެމްއެންޑީއެފްގެ ކާނަލް އަބްދުއްރަހީމް މިއަދު ވިދާޅުވީ އެމްއެންޑީއެފްގެ އެސްޕީޖީ ބޮޑީގާޑުން މީގެ ކުރިން ވެސް ވަކި ހާލަތްތަކެއްގައި ވަޒީރުންގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތް ތެރިވަމުން ދިޔަ ކަމަށާއި ނަމަވެސް އިތުރު ވަޒީރުންތަކެއްގެ އެދިވަޑައިގަތުމަކަށް އެސްޕީޖީ ބޮޑީގާޑުން އެ ބޭފުޅުންނަށް ހަމަޖައްސާފައިވާ ކަމަށެވެ.
ވަޒީރުންގެ މަޖިލީހުގެ 16 ވަޒީރުންގެ ތެރެއިން އެސްޕީޖީގެ ސިކިއުރިޓީ ހަމަޖެއްސެވީ ކޮން ވަޒީރުންނަށް ކަމެއް އެމްއެންޑީއެފަކުން ނުބުނެ އެވެ.
އެސްޕީޖީ ބޮޑީގާޑުންގެ ހިދުމަތް މިހާރު ދެނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަފަނޑިޔާރަށެވެ. އޭގެ އިތުރުން ކުރީގެ ރައީސްކަންކޮށްފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދަށް ވެސް އެސްޕީޖީ ގްރޫޕުން ސެކިއުރިޓީ ދެ އެވެ.
އެމްއެންޑީއެފްގެ 178 ސިފައިންގެ މައްޗަށް އެކުލެވޭ އެސްޕީޖީގެ ބައެއް ބޮޑީގާޑުން ތަމްރީނު ހޯދާފައި ވަނީ ރާއްޖެ އިން ބޭރުންނެވެ. އަދި ކަމާ ބެހޭ މާހިރުން ރާއްޖެ އަށް ގެނެސްގެން ވެސް ތަމްރީނުތަކެއް ހޯދާފައިވެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި ވަޒީރުންގެ ބޮޑީގާޑުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫކޭގެ ކަމާބެހޭ މާހިރުން ރާއްޖެއަށް ގެނެސްގެން ތަމްރީހު ހޯދާފައިވާ ހާއްސަ ބޮޑީގާޑުންތަކެކެވެ.
އައްޑޫ ސިޓީގައި ބޭއްވި 17 ވަނަ ސާކް ސަމިޓަށް ރާއްޖެ ވަޑައިގެންނެވި މި ސަރަހައްދުގެ އެންމެ ނުރައްކާ ބޮޑު އަށް ވެރިންނަށް ވެސް ރައްކާތެރިކަން ދީފައި ވަނީ އެމްއެންޑީއެފްގެ އެސްޕީޖީ ބޮޑީގާޑުންނެވެ.