11 Oct 2012, 13:49
ވިލާ ކޮލެޖާއި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީ ގުޅިގެން ހިންގާ ގްރެޖުއޭޓް ކޯސްތަކުން ހަތްދިހަ ދަރިވަރުން ޑިގްރީ ހާސިލް ކޮށްފި އެވެ.
ޑިގްރީ ހާސިލްކުރި ދަރިވަރުންނަށް ދަސްވެނިމުނު ކަމުގެ ސަނަދު ހަވާލު ކޮށްދެއްވީ ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ޕްރޮފެސާއައިއާރް ޑރ. ރޮޒްލީ ހާމިރު އެވެ.
ދަރިވަރުންނާއި ސަނަދުތައް ހަވާލު ކޮށްދެއްވުމަށް ފަހު މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީގެ ރައީސް އަދި ވައިސް ޗާންސިލާ ޕްރޮފިސާ އެމެރިޓްސް ތުންސްރީ އަންވަރް އަލީގެ ހިތޯބު އިއްވަވައި ދެއްވީ އެ ޔުނިވާސިޓީގެ ވައިސް ޕްރެޒިޑެންޓް ޕްރޮފިސާ އައިއާރް ޑރ. ރޮޒްލީ ހާމިރެވެ.
ޕްރޮފިސާ އަންވަރުގެ ހިތޯބުގައި ވިލާ ކޮލެޖުގެ ފަރާތުން އެ ޔުނިވާރސިޓީއާ ގުޅިގެން ހިންގި ކޯސްތަކުގެ ދެވަނަ ބުރުގެ ދަރިވަރުންނަށް މަރުހަބާ ދެއްނެވި އެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން އެ ޔުނިވާސިޓީއާ ގުޅިގެން ޑިގުރީ އަދި މާސްޓާސް ލެވެލްގެ ކޯސްތަކެއް ހިންގާ ކަމީ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެކަމަށްޓަކައި ވިލާ ކޮލެޖްގެ ފައުންޑާ ގާސިމް އިބްރާހީމް އަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރެއްވި އެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން އެ ޔުނިވާސިޓީއާ ބާއްވާ ގާތް ގުޅުމަށް ވިލާ ކޮލެޖުގެ ރެކްޓާ ޑރ އަންވަރު އަލީ އަށް ވެސް ޝުކުރު ދެންނެވި އެވެ.
ރޭގެ ޖަލްސާގައި ވިލާ ކޮލެޖުގެ ފައުންޑާ ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ހިތޯބް އިއްވަވައި ދެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން ހަދީޖާ ސަނާ އެވެ.
ގާސިމްގެ ހިތޯބުގައި ވިލާ ކޮލެޖާއި މެލޭޝިޔާގެ އޯޕްން ޔުނިވާސިޓީއާ ގުޅިގެން ހިންގި ކޯސްތަކުން ސަނަދު ހާސިލް ކުރި ދަރިވަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ. އަދި ވިދާޅުވީ ރާއްޖޭގައި މަތީ ތަޢުލީމު ކުރިއަރުވައި އަދި ގިނަ ދަަރިވަރުންތަކަކަށް މަތީ ތަޢުލީމްގެ ފުރުސަތު ހޯއްދަވައި ދެއްވުމަކީ އެމަނިކުފާން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ. ކޮންމެ އަހަރަކު ޒުވާން ގިނަ ދަރިވަރުން ތަކެއް ޑިގްރީ ހާސިލް ކުރުމަކީ އެމަނިކުފާނު މަތީ ތައުލީމަށް ކުރާ އުންމީދު ތަކަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ. އަދި އޭގެން ދޭހަކޮށްދެނީ އެމަނިކުފާނުގެ ހުވަފެން ހަގީގަތަކަށް ވަމުން އަންނަ ކަންކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން މެލޭޝިޔާގެ އޯޕން ޔުނިވާސިޓީއިން ވިލާ ކޮލެޖާއި ގުޅިގެން މާސްޓާޒް ލެވެގެ ކޯސްތަކެއް ހިންގަމުންދާ ކަމަށް އެ ޔުނިވާސިޓީގެ ރައީސް އަށާއި ހިންގުންތެރި ހުރިހައި ވެރިންނަށް ވަރަށް ހާއްސަ ޝުކުރެއް ދެންނެވި އެވެ.
ރޭގެ ޖަލްސާގައި ވިލާ ކޮލެޖްގެ ރެކްޓާ ޑރ އަހުމަދު އަންވަރު ދެއްކެވި ވާހަކަފުޅުގައި މާސްޓާރ ލެވެލްގެ ކޯސްތަކެއް ފުރަތަމަ ފަހަރަށް ވިލާ ކޮލެޖުގެ ފަރާތުން ހިންގައި ދަރިވަރުންނަށް ސަނަދު ލިބިގެން ދިއުމަކީ ވިލާ ކޮލެޖަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވަރަށް ބޮޑު ކުރިއެރުމެއް ކަމަސް ވެސް އޭނަ ވިދާޅުވި އެވެ. އެހެން ކަމުން ވިލާ ކޮލެޖުން އަދި މުޅި ރާއްޖޭގައިވެސް އަލަށް ހިންގި މާސްޓާ އޮފް އެޑިޔުކޭޝަން އާއި މާސްޓާރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ސަނަދު ހާސިލް ކުރި ދަރިވަރުންނަށް ވަރަށް ހޫން މަރުހަބާއެއް ދެންނެވި އެވެ.
މީގެ އިތުރުން ރޭގެ ޖަލްސާގައި ވަނީ ވިލާ ކޮލެޖްގެ ފަރާތުން މުޅިން އަލަށް ހިންގި މާސްޓާ އޮފް އެޑިޔުކޭޝަން އާއި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދަސްވެ ނިމުނުނު ދަރިވަރުންނަށް ސަނަދު ހަވާލު ކޮށްފަ އެވެ. އެގޮތުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓރޭޝަން އިން ބާރަ ދަރިވަރުން ވަނީ ސަނަދު ހާސިލް ކޮށްފަ އެވެ. އަދި ސަތާރަ ދަރިވަރުންވަނީ މާސްޓާ އޮފް އެޑިޔިކޭޝަންގެ ދާއިރާއިން ސަނަދު ހާސިލް ކޮށްފަ އެވެ.
މީގެ އިތުރުން މެލެޝިޔާގެ އޯޕަން ޔުނިވާސިޓީގެ ބުކް ޕްރައިޒް ހާސިލް ކުރި ދަރިވަރުންނަށް ވަނީ ސަނަދު ހަވާލު ކޮށްފަ އެވެ.
އެގޮތުން މާސްޓާރ އޮފް އެޑިޔުކޭޝަންގެ ދާއިރާއިން ތިން ދަރިވަރުން ވަނީ ބުކް ޕްރައިޒް ހާސިލް ކޮށްފަ އެވެ. އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓް ރޭޝަންއިން ދެ ދަރިވަރުން ވަނީ ބުކް ޕްރައިޒް ހާސިލް ކޮށްފަ އެވެ. އަދި ބެޗެލާ އޮފް އެޑިޔުކޭޝަން އިން ހަތް ދަރިވަރުން ވަނީ ބުކް ޕްރައިޒް ހާސިލް ކޮށްފަ އެވެ. އަދި ބެޗްލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ދެ ދަރިވަރުން ވަނީ ބުކް ޕްރައިޒް ހާސިލް ކޮށްފަ އެވެ. އަދި ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލެޖީއިން ދެ ދަރިވަރުން ވަނީ ބުކް ޕްރައިޒް ހާސިލް ކޮށްފަ އެވެ.
މީގެ އިތުރުން އެންމެމަތީ ސަނަދު ހޯދި ދަރިވަރުންނަށްދޭ ގާސިމް އިބްރާހިމް އެވޯޑް ފަސް ދާއިރާއަކުން ފަސް ދަރިވަރުންނަށް ވަނީ ދީފަ އެވެ. އެއީ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާރ އޮފް އެޑިޔުކޭޝަން، ބެޗެލާ އޮފް އެޑިޔުކޭޝަން، ބެޗެލާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ބެޗެލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީ އެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެން އާއި އަދި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރި ވަޑައިގެންނެވި އެވެ.