ހިންގުން ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުން އެއީ ޑިމޮކްރަސީއެއްގެ އަސާސީ އުސޫލުތައް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

އޭޝިއާ ރީޖަނަލް އެސޯސިއޭޝިއަން އޮފް ޕަބްލިކް އެކައުންޓްސް ކޮމިޓީ "އަރަޕެކް" (އޭޝިއާ ސަރަހައްދުގެ މާލީ ކޮމެޓީތަކުގެ ޖަމިއްޔާ)ގެ ފުރަތަމަ އަހަރީ ޖަލްސާ ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރަނގަޅު، ސާފު ހިންގުމަކީ ޑިމޮކްރަސީއެއްގެ އަސާސީ އުސޫލުތައް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރާއްޖޭގެ ޕާލަމެންޓް މެމްބަރުން މިއަދު މިދަނީ އެހެން ހަރުފަތަކަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރަނގަޅު ހިންގުމަކީ، އަދި ސާފު ހިންގުމަކީ ޑިމޮކްރަސީގެ އަސާސީ އުސޫލުތައް ކަމަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

ޑީން ވިދާޅުވީ މިއަދު ފެއްޓި ކޮންފަރެންސްގައި އެކަންކަމާ މެދު މެމްބަރުން މަޝްވަރާކުރައްވާނެ ކަމަށެވެ.

"ޕާލަމެންޓާއި ޕާލަމެންޓް މެމްބަރުން މިއަދު މި ގްރެޖުއޭޓްވަނީ. މިދަނީ އެހެން ލެވެލްއަކަށް. (އެލެވެލްގައި) ސަރުކާރެއް އޮންނަން ވާނީ ކިހާ ސާފުކޮށްކަމާއި ކޮރަޕްޝަން ނައްތާލާނެ ގޮތާ މެދު މެމްބަރުން ވާހަކަ ދައްކާނެ. ރައްޔިތުންގެ ފައިސާ، އެހީދޭ ފަރާތްތަކުގެ ހަރަދުކުރާނީ ކިހާ ރަނގަޅަކަށް ކަމާ މެދު މި ކޮންފަރެންސްގައި ވާހަކަ ދައްކަވާނެ،" ވަހީދުއްދީން ވިދާޅުވި އެވެ.

އަދި ވިދާޅުވީ މިއަދު ފެށި ކޮންފަރެންސްގައި ކޮރަޕްޝަން ނައްތާލައި ހިންގުން ރަނގަޅުކުރުމާ މެދު އެހެން އޭސިޔާ ސަރަހައްދުގެ ޕާލަމެންޓްތަކުގެ މެމްބަރުންނާ މަޝްވަރާ ކުރެވި ހިޔާލުބަދަލު ކުރާނެ ކަމަށާއި އެކަމުގެ ފައިދާ މެމްބަރުންނަށް ކުރާނެ ކަމަށެވެ. އަދި މެމްބަރުން މިއަދު ވަޑައިގަންނަވަނީ ރަނގަޅު މިސްރާބަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ފެއްޓި ކޮންފަރެންސްގައި ޕާކިސްތާނާއި ނޭޕާލް ފިޔަވައި ސާކްގެ އެ ނޫން ގައުމުތަކުގެ ޕާލަމެންޓްތަކުގެ މެންބަރުންނާއި ތައިލެންޑާއި އިންޑޮނޭޝިޔާގެ ޕާލަމެންޓް މެންބަރުން ބައިވެރިވަޑައިގަންނަވަ އެވެ.

އަރަޕެކް އުފެއްދީ 2010 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގަ އެވެ. އެ ޖަމާއަތުގައި އޭޝިއާގެ 11 ގައުމެއް ބައިވެރިވެ އެވެ. އަރަޕެކްގެ އަންނަ ދައުރުގެ ޗެއާމަނަކަށް ހޮވިވަޑައިގެންފައި ވަނީ ރާއްޖޭގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހަމަދު ނާޒިމެވެ. ނިމިގެން މިދާ ދައުރުގައި އެ ޖަމާއަތުގެ ޗެއާމަނަކީ ބަންގްލަދޭޝްގެ ޕާލަމެންޓް މެމްބަރު އަދި ޕަބްލިކް އެކައުންޓްސް ކޮމިޓީގެ މެމްބަރު ޕްރޮސަ އަލީ އަޝްރަފް އެވެ.

މިއަދު ފެށި ކޮންފަރެންސްގައި އަރަޕެކް ގައުމުތަކުގެ އޮޑިޓަ ޖެނެރަލުންނާއި ޕަބްލިކް އެކައުންޓްސް ކޮމިޓީތަކުގެ މެމްބަރުން ބައިވެރިވަޑައިގަންނަވަ އެވެ.

އަރަޕެކް އުފެއްދުމުގެ މަގުސަދަކީ އޭޝިއާ ގައުމުތަކުގެ ޕަބްލިކް އެކައުންޓްސް ކޮމިޓީ( މާލިއްޔަތު ކޮމިޓީ)ތައް ގުޅިގެން މަސައްކަތްކޮށް، ގާބިލުކަން އިތުރުކުރުމެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް މިހާރަށް ވުރެ ރަނގަޅަށް މަސައްކަތް ކުރުމެވެ.