ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތި ކުރުމުގެ ކުށުގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހަތަރު ފުލުހަކު ހެކީންގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. ހެކި ހުށަހެޅުމަށް ފަހު ދައުލަތުގެ ވަކީލާ ވިދާޅުވީ ހެކީން ހުށަހަޅާފައި ވަނީ އަލީ ވަހީދާއި މަހުލޫފް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އަޑުގަދަކޮށް ބެރިކޭޑްތައް ފަޅާލާފައިވާ ކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށް ކަމަށެވެ.

ދައުލަތުން ހެކި ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުގެ 9:00 ގައި އެ މައްސަލައިގެ އިތުރު ޝަރީއަތުގެ މަޖިލީހެއް ބާއްވާނެ ކަމަށެވެ. އަދި އެދުވަހު އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލައަކީ އަނބުރާ ގެންދިޔުމަށްފަހު ދެވަނަ ފަހަރަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ދައުވާ އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްއަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވިދާޅުވެ އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދުގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު އިޖުރާއީ ނުކުތާއެއް ނެންގެވި އެވެ. ނަމަވެސް ކޯޓުން ނިންމާފައި ވަނީ އެއީ ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރެއްކަމަށެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސުއޫދު ވިދާޅުވީ އޭނާ ނެންގެވި އިޖުރާއީ ނުގުތާ އާ މެދު ކޯޓުން ނިންމިގޮތް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ކޯޓުން އަދި އެ މައްސަލަ ބަލައިގެންކަމެއް އެނގިފައި ނުވާކަމަށެވެ. އަދި ކޯޓުގެ އިޖުރާއީ ނިންމުން އިސްތިއުނާފު ކޮށްފައިވާތީ ހައިކޯޓުން ވަކިގޮތެއް ނިމެންދެން އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ޝަރީއަތުގައި ސުއޫދު އެދިވަޑައިގަތެވެ.

ސޫދުގެ އެވާހަކަތަކާއި ގުޅިގެން ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނުނެރޭނަމަ އެ މައްސަަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.

މިއަދުގެ ޝަރީއަތުގައި މަހުލޫފް ވަނީ މައްސަލަ އަވަހަށް ނިންމަވައި ދެއްވުމަށް ޝަރީއަތުގައި އެދިފަ އެވެ. އަދި ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާތީ ކަންހިނގިގޮތް މިހާރު ހަނދާނެއް ނެތްކަމަށާއި ހެކީންގެ ހެކިބަހަށް ބަލާފައި އިތުރަށް ދައްކަންޖެހޭ ވާހަކަތަކެއް ދައްކާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދެބޭފުޅުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އުޅުއްވި ގެކޮޅު، މުލީއާގޭ ސަރަހައްދު ފުލުހުން ބަންދުކޮށްފައި ވަނިކޮށް، އެސަރަހައްދަށް އެއްވެ ކުރި މުޒާހަރާގައި މަހްލޫފާއި އަލީ ވަހީދު އިސްކޮށް ތިއްބަވައިގެން އިތުރު ބަޔަކާއި އެކު އެ ސަރަހައްދުގައި ހުރި ރޯޑް ބްލޮކްތައް އެއް ފަރާތްކޮށްފައިވާ ކަމަށެވެ.