ރައްޔިތުން މަޖިލީހުން ދިރާސާ ކުރާތާ އެތައް އަހަރުތަކެއް ވެފައިވާ، ޕީނަލް ކޯޑު، ނޫނީ ގާނޫނުލް އުގޫބާތުގެ ބިލް ކޮމެޓީން ދިރާސާކޮށް ނިންމައި މި މަހުގެ ތެރޭގައި މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް އެ ބިލް ދިރާސާ ކުރާ، ކޮމެޓީގެ މުގައްރިރު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ. ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަހުމަދު ވިދާޅުވީ އެ ބިލްގައި ހިމެނޭ 1204 މާއްދާ މިދިޔަ ބުދަ ދުވަހާ ހަމައަށް ކޮމެޓީން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ބިލްގައި ހިމެނޭ އަދުލުގެ މައްސަލަތަކާއި މަރުގެ އަދަބުގެ މާއްދާތަކާ މެދު ބައެއް ފަރާތްތަކުގެ މަޝްވަރާ ހޯދާ އެ މާއްދާތައް ވެސް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށެވެ. "މީގެ ކުރިން ޕެންޑިންގައި ބަހައްޓާފައި ހުރި އަދުލުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި މި ހެން ހުރި މާއްދާތަކާ މެދު އަޅުގަނޑުމެން މަޝްވަރާކޮށް އެކި ފަރާތްތަކުގެ ހިޔާލުތައް ވެސް ހޯދައިގެން އެ ހިޔާލުތައް ވެސް ހިމަނައިގެން އެކަންތައްތައް ނިންމާލަން ގަސްތުކޮށްފައި މިއޮތީ. މަޖިލިސް މެދުނުކެޑި ކުރިއަށް ގޮސްފިއްޔާ މި މަސް ނިމުމުގެ ކުރިން ފޮނުވާލެވޭނެ އިރާދަކުރެއްވިއްޔާ އެ ބިލް ތަޅުމަށް،" އަހުމަދު ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތުގެ ބިލް މަޖިލީހަށް ފުރަތަމަ ފޮނުވާފައި ވަނީ 2006 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން އެ ބިލް އަނބުރާ ގެނެސް އަނެއްކާ ވެސް މަޖިލީހަށް ހުށަހެޅި އެވެ. ރާއްޖޭގައި މިހާރު އަމަލު ކުރަނީ 1961 ވަނަ އަހަރު އެކުލަވާލީ ގާނޫނުލް އުގޫބާތަކަށެވެ. ދިރާސާކޮށް ނިންމި އައު ޕީނަލް ކޯޑުގައި ހިމެނޭ ބައެއް ބައިތަކަށް ވެސް އަހުމަދު އަލިއަޅުއްވާލެއްވި އެވެ. އޭނާ ވިދާޅުވީ މިހާރު އަމަލުކުރާ ޕީނަލް ކޯޑާ ހިލާފަށް އައު ބިލްގައި އެކި ބާވަތުގެ ކުއްތައް ކެޓަގަރީކޮށް ގިންތި ކޮށްފައިވާނެ ކަމަށާއި އަދި އަދަބުދޭނޭ ތާވަލްތައް ވެސް ހިމަނާފައި ހުންނާނެ ކަމަށެވެ. އަދި އަރުވާލުމުގެ އަދަބު އެއްގޮތަކަށް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ. "އަދަބުތައް ވެސް ހުންނާނީ ކުރިއާ ހިލާފަށް މިހާރަށް ވެސް ފެތޭގޮތަށް. އަރުވާލުން އެއްގޮތަކަށް ވެސް ނޯންނަ ކަހަލަ ގޮތަކަށް އޮންނާނީ. އެއީ އަރުވާލުން ގޭގައި ބަންދުކުރުން ވެސް އޮންނާނީ އެ މީހަކު މުޖުތަމައަށް ނެރެން ޖެހޭނެ ފަދަ ހާލަތްތައް ކަނޑައަޅާފައި އެގޮތަށް އޮންނާނީ،" އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިރާސާކޮށް ނިމުނު ގާނޫނުލް އުގޫބާތުގެ ކޮޕީ މަޖިލީހުގެ މެންބަރުންނަށް ވަރަށް އަވަހަށް ފޮނުއްވައި ހިޔާލަށް ހުޅުވާލާނެ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ވެސް އެ ބިލާ މެދު މާ ބޮޑެތި ބަހުސްތަކެއް ނުހިނގާ ފާސްވެގެން ދާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމުގައި ވެސް އަހުމަދު ވިދާޅުވި އެވެ. "މާބޮޑެތި ބަހުސްތަކެއް ހިއެއް ނުވޭ ހިނގާނެ ހެނެއް. އެ ބިލްފާސްވެގެން ދާނެ ކަމަށް މިބަލަނީ،" އަހުމަދު ވިދާޅުވި އެވެ. ޕީނަލް ކޯޑްގެ ޑްރާފްޓަށް އަހަރުތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެ ބިލް ނުނިމި ލަސްވަމުންދިޔުމާ ގުޅޭ ގޮތުން އަހުމަދު ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ވެސް ދަތިތަކެއް ހުރެގެން ކަމަށެވެ. އެއީ މަޖިލީހުގެ ޖާގައިގެ ދަތިކަމާއި އަދި ހަމަނުޖެހުމާ ހެދި މަޖިލީހުގެ ޖަލްސާތައް ހުއްޓާލަން ޖެހުން ފަދަ ސަބަބުތަކެވެ. "އަޅުގަނޑު ވެސް ގަބޫލުކުރަން މިހާރު މާލަސްވެއްޖެ ކަމަށް. އެއަށް ވުރެ އަވަހަށް ނިންމަން އުޅުނު ނަމަ ނިންމިފައި ކަމަށް އޮންނާނީ. އެކަމަކު ސަބަބުތަކެއް ވެސް އެބަހުރި އެހެން ވާންޖެހުނު." އަހުމަދު ވިދާޅުވި އެވެ.