ސްރީލަންކާގެ، އިތުކެން ސްޕެންސް ހޮޓެލްސްގެ ފަރާތުން ރާއްޖޭގައި އިތުރު ރިސޯޓެއް އެޅުމަށް ނިންމާފައިވާކަމަށް ލަންކާގެ ނޫހެއް ކަމުގައިވާ ޑެއިލީ ނިއުސް އިން ބުނެފި އެވެ.

ސްޕެންސް ހޮޓެލްސްގެ، ހޮޓެލް ޗެއިން، އަދާރަން ރިސޯޓްސްގެ ސީއޯއޯ އުޕުލް ޕިއެރިސްއާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ރިސޯޓެއް ބިނާކުރުމަށް ރާއްޖޭން ރަށެއް ގަތުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ރިސޯޓު އެޅުމަށް މީގެ ކުރިންވެސް ރާއްޖޭގެ ފަޅުރަށްތަށް ބަލާފައިވާ ކަމަށާއި އެ ކުންފުނިން ރާވާފައިވަނީ 400 އެނދުގެ ރިސޯޓެއް އެޅުމަށެވެ.

"ރާއްޖޭގައި އޮޕަރޭޓް ކުރުމަށް ހަރަދު ބޮޑުވިޔަސް ރާއްޖޭގެ ރޭޓްތަކުގެ ސަބަބުން އިންވެސްޓްކުރި އަދަދު ލިބުން ވަރަށް އަވަސް،" ޕިއެރިސް ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ޕިއެރިސް އެ ނޫހުގައި ބުނެފައިވަނީ ރާއްޖޭގެ ޓޫރިޒަމް ފުޅާކޮށް ކުރިއެރުވުމަށް ދުރާލައި ރޭވިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށާއި އޭގެ ތެރެއިން އެއް މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ސްރީލަންކާގެ އިތުކެން ސްޕެންސް ހޮޓެލްސް އަކީ 1993 ވަނަ އަހަރުންފެށިގެން ރާއްޖޭގައި އިންވެސްޓް ކުރަމުންދާ ހޮޓެލްޖެއިނެކެވެ. އެގޮތުން އަދާރަން ހޮޓެލްސްގެ ފަރާތުން މިހާރުވެސް ރާއްޖޭގައި ދަނީ ރިސޯޓުތަށް ހިންގަމުންނެވެ. އޭގެތެރޭގައި އަދާރަން މެދުފަރު އާއި ހުދުފަރު ގެ އިތުރުން އަދާރަން ރަންނާޅި އާއި އަދާރަން ވާދޫ ހިމެނެ އެވެ.