11 Oct 2012, 11:19
މިއަހަރު ތެރޭގައި އަންނަ ރީތި ތާރީހެއް ކަމަށްވާ 12-11-10 ( 10 ނޮވެމްބަރު 2012) ގައި ވެސް ކައިވެނިކޮށްދޭ ގޮތަށް ފެމިލީ ކޯޓުން ހަމަޖައްސައިފި އެވެ.
ފެމިލީ ކޯޓުގެ ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އާއްމު އުސޫލެއްގެ ދަށުން ހޮނިިހިރު ދުވަހަކީ ކޯޓުގައި ކައިވެނިކޮށްދޭ ދުވަހެއް ނޫން ކަމަށް ކުރިން އިޢުލާންކޮށްފައިވާނެ ކަމަށާއި ނަމަވެސް 12-11-10 ގައި ވެސް މިހާރު ކައިވެނިކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަަމަށެވެ.
ފެމިލީ ކޯޓުގެ ރަޖިސްޓްރާ ހަސަން ޝަފީއު މިއަދު ވިދާޅުވީ އެ ދުވަހު ކައިވެނިކޮށްދޭ ގޮތަށް ހަމަޖެއްސީ ކޯޓުގެ ތާރީހަށް ނޫނީ ހިސްޓްރީ، އަށް ބަލާފައި އެފަދަ ރީތި ތާރީހުތަކުގައި ރާއްޖޭގައިވެސް ގިނަ ކައިވެނިތަކެއް ކުރަމުން އަންނާތީ އެކަމަށް ފުރުސަތު ދިނުމަށް ކަމަށެވެ.
"މިހާރު މި ހަމަޖެއްސީ ހަމައެކަނި އެ ތާރީހުގައި ކައިވެނިކުރެވޭ ގޮތަށް، އަޅުގަނޑުމެންގެ ވިސްނުމެއް އެބަހުރި ހަފްތާގެ ހަތް ދުވަހުވެސް ކައިވެނިތައް ކޮށްދިނުމަށް، ނަމަވެސް އެކަމާ އަދި ވަކިގޮތެއް ކަނޑައެއް ނާޅާ، މިއަހަރު ނިމުމުގެ ކުރިން އަންނަ އަހަރު ކައިވެނިކުރެވޭނެ ދުވަސްތައް ކަނޑައަޅާނެ،" ޝަަފީފު ވިދާޅުވި އެވެ.
އެތާރީހުގައި ކަނިވެނިކުރުމަށް ދުރާލާ ތައްޔާރުވެފައިވާ ޒުވާނަކު ރޭ ބުނީ އޭނާ އެވތާރީހުގައި ކައިވެނިކުރަން ބޭނުންވީ މިއަހަރު ތެރޭގައި އަންނަ ރީތި ތާރީހަކަށް އެދުވަސް ވާތީ ކަމަށެވެ.
ރާއްޖޭގައި މިހާތަނަށް ގިނަ ކައިވެނިތަކެއް ރީތި ތާރީހުތަކުގައި ކޮށްފައިވާ ކަމަށް ކޯޓުގެ ރިކޯޑްތަކުން ދައްކަ އެވެ. މީގެއިތުރުން މިއަހަރުގެ ތެރޭގައި އަންނަ ރީތި ތާރީހުތަކުގެ ތެރޭގައި 12،12،12 ވެސް ހިމެނެ އެވެ.