އިނގިރޭސި ކްލަބު ލިވަޕޫލްއިން އެޔެކްސްގެ އުންމީދީ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޯދުމަށް މަސައްކަތްކުރާތީ އުފާކުރާކަމަށާއި ނަމަވެސް އަޔެކްސް ދޫކޮށް ދިއުމުގެ ޚިޔާލެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 20 އަހަރުގެ އެރިކްސަން ހޯދުމަށް ބޮޑެތި ކްލަބުތަކަކުން މަސައްކަތް ކުރަމުން ދެ އެވެ. އެގޮތުން އެންމެ ފަހުން އެރިކްސަންއަށް ޝައުގުވެރިކަން ފާޅުކުރި ކްލަބަކީ ލިވަޕޫލް އެވެ. ލިވަޕޫލްއިން އެރިކްސަން ހޯދަން މަސައްކަތްކުރަނީ ސްޓީވަން ޖެރާޑް ނެތް ދުވަހެއްގައި އޭނާގެ މަގާމް ފޫބެއްދުމަށް ކަމަށް ބެލެވެ އެވެ.

ލިވަޕޫލް އިން އެރިކްސަން ހޯދުމަށް މަސައްކަތްކުރި ނަމަވެސް، އޭނާގެ ޚިޔާލު ހުރީ އަޔެކްސްއަށް ނެދަލޭންޑްސް ލީގު ހޯދައިދިނުމަށެވެ. "ބޮޑެތި ކްލަބުތަކަކުން އަހަރެން ހޯދަން މަސައްކަތްކުރާތީ އުފާކުރަން. ނަމަވެސް އަޔެކްސް ދޫކޮށް ދިއުމުގެ ހިޔާލެއް އަދި ނުގެންގުޅެން." އެރިކްސަން ބުންޏެވެ.

އެރިކްސަން އާއި ބާސެލޯނާގެ ލިއޮނަލް މެސީ ކުޅޭ ސްޓައިލް އެއްގޮތް ކަމަށް ފަހަކަށް އައިސް މީޑިއާ ރިޕޯޓްތަކުން ބުނަމުންދެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެރިކްސަން ބުނީ، އެ ވާހަކަތަކުގެ ސަބަބުން ލިބެނީ އިތުރު އުފަލެއް ކަމަށެވެ. "އަހަރެން އެ ރިޕޯޓްތައް ކިޔައިފިން. މެސީ ފަދަ ކުޅުންތެރިޔަކާއި އެއްގޮތް ކުޅުމެއް ހުންނަ ކަމަށް ބުނާތީ އުފާކުރަން. ނަމަވެސް މެސީއަކީ މުޅިން ތަފާތު މަގާމަކަށް ކުޅޭ ކުޅުންތެރިއެއް." އެރިކްސަން ބުންޏެވެ.