11 Oct 2012, 10:14
ފްރާންސް ގައުމީ ޓީމުން ސްޕެއިން ގައުމީ ޓީމް ދެކެ ބިރުގަންނަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ފްރާންސް ޓީމްގެ މިޑްފީލްޑަރު ފްރޭންކް ރިބަރީ ބުނެފި އެވެ.
ޖަރުމަންގެ އެންމެ ކާމިޔާބީ ކްލަބު ބަޔާން މިއުނިކަށް ކުޅެމުންދާ ރިބަރީ ބުނި ގޮތުގައި، ސްޕެއިންއަކީ މޮޅެތި ކުޅުންތެރިންތަކެއް އެކުލެވޭ ޓީމެއް ކަމަށެވެ.
"ސްޕެއިންއާއި ދެކޮޅަށް ކުޅޭ މެޗަކީ އަބަދުވެސް ހާއްސަ މެޗެއް. އެ ޓީމްގައި މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަ ތިބި. އަހަރެމެންނަށް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަމުގައި ވިޔަސް ސްޕެއިން ޓީމް ދެކެ ބިރުގަންނަންވީ އެއްވެސް ސަބަބެއް ނެތް." ރިބަރީ ބުންޏެވެ.
ރިބަރީ ކުޅެމުންދަނީ އެއްވެސް ޕްރެޝަރެއްގައި ނޫން ކަމަށާއި ސްޕެއިން އާއި ދެކޮޅަށް ނުކުންނާނީ ވެސް ޕްރެޝަރުގައި ނޫންކަމަށް ރިބަރީ ބުންޏެވެ. "ހުރިހާ އެންމެންނަށް ވެސް އަހަރެންގެ ފެންވަރު އެނގޭނެ. ނޫސްވެރިންނާއި، ފްރާންސް ރައްޔިތުންނާއި، ހުރިހާ އެންމެން ވެސް ދައްކާ އަހަރެން މޮޅު ވާހަކަ. އެއީ ތެދު ވާހަކަތަކެއް. އަހަރެން ކުޅެނީ ވަރަށް ހުސްކޮށް ހުންނަ މަގާމަކަށް. ކުޅެނީ ހަމަޖެހިގެން އެއްވެސް ޕްރެޝަރެއް ނެތި." ރިބަރީ ބުންޏެވެ.
ފްރާންސް ޓީމުން ސްޕެއިންއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ފްރާންސް ޓީމް ފުރަތަމަ ނުކުންނާނީ ޖަޕާން ގައުމީ ޓީމާ ދެކޮޅަށެވެ.