އައިޕޯން 5ގެ ފޯނުތަކަށް ބޭނުންކުރާ ނެނޯ ސިމް ރާއްޖޭގެ މުއާސަލަތީ ކުންފުނި ދިރާގުން ތައާރަފްކޮށްފި އެވެ. މިއީ ނެނޯ ސިމް ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވީ ސުޓޭންޑަޑް ސިމް އާއި މައިކުރޯ ސިމްއަށް ވުރެ 12 ޕަސެންޓް ތުނި އެސިމް ދުނިޔޭގެ މާކެޓްގައި ވަރަށް ޑިމާންޑް ބޮޑުވެފައިވާ އިރު ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ އަށް އެސިމް ތައާރަފްކުރެވުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ސިމް އުފައްދާ ތައްޔާރުކުރާ ފެކްޓުރީތަކުގައި އެތައް ބިލިއަން ސިމްތަކެއްގެ އޯޑަރުތަކެއް ހުއްޓައި އެންމެ ފުރަތަމަ ދިރާގުން ރާއްޖެ އަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުނަށް ފޯރުކޮށްދެވުމުން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް" އިމްޖާދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ދިރާގުގެ ނެނޯ ސިމް ބޭނުންވާ ފަރާތްތަކަށް ނޯމަލް ރޭޓުގައި އިތުރު ޗާޖަކާ ނުލައި ނެނޯ ސިމް ދިރާގުން ލިބެންހުންނާނެ ކަމަށެވެ.