ރާއްޖޭގައި އެޗްއައިވީ ނުރައްކާ ބޮޑު އާބާދީ އަންނަނީ އިންތިހާ އަށް ބޮޑު ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

"އެންހޭންސިން ދަ ރެންސްޕޮންސް ޓު އެޗްއައިވީ އެއިޑްސް އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެއިޑްސްއާ ދެކޮޅަށް ރާއްޖޭގައި ހިންގި މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު ހުސައިން ވިދާޅުވީ އެޗްއައިވީ އެއިޑްސް ޖެހުމުގެ ނުރައްކާ ބޮޑު އަހުލާގިއްޔާތު ރާއްޖޭގައި އިތުރުވަމުން އަންނަކަން ފަހަކަށް އައިސް އެއްކުރެވިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ރާއްޖޭގައި އެއިޑްސް ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށެވެ.

"އެޗްއައިވީގެ އަސަރުކުރުމުގެ ނުރައްކާބޮޑު އަހުލާގިއްޔާތު ކަންބޮޑުވާ ވަރަށް ރާއްޖޭގައި އިތުރުވަމުން އަންނަކަމުގެ ހެކިތައް ވަނީ އެއްކުރެވިފައި. ހާއްސަކޮށް އެންމެ ބޮޑަށް އަސަރުކުރާ އާބާދީތަކުގެ ތެރޭގައި، އެޗްއައިވީ އެއިޑްސް ރާއްޖޭގައި ބާރަށް ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑު،" ލުބުނާ ވިދާޅުވި އެވެ.

ލުބުނާ ވިދާޅުވީ އެކަން އެހެން ހުރުމުން ރާއްޖޭގެ ޒުވާން ޖީލަށް ކަމާ ބެހޭ މައުލޫމާތު ދިނުމުގެ މުހިއްމުކަން ބޮޑު ކަމަށެވެ. އަދި ވިދާޅުވީ ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ޑްރަގް ބޭނުންކުރާ މީހުންގެ ތެރޭގައި އެޗްއައިވީ ފެތުރުމުގެ ނުރައްކާ ބޮޑު ކަމަށާއި އެއީ ޑްރަގް އިންޖެކްޓް ކުރުމަކީ އެޗްއައިވީ އެންމެ ފަސޭހަ އިން ފެތުރޭ ކަންތައް ކަމަށްވާތީ ކަމަށެވެ.

ޔޫއެންޑީޕީގެ އެހީގައި ހިންގި މަޝްރޫއު ނިންމާލެވިފައި ވާތީ އެ ޖަމާއަތަށް ލުބުނާ ޝުކުރު އަދާކުރެއްވި އެވެ.