ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހާއި ދިމާކޮށް ޑިޕްރެޝަން ނުވަތަ ހިތާމަ ކުރުމުގެ ބައްޔާއި ބެހޭ މުހިއްމު މައުލޫމާތު ތަކެއް ހިމެނޭ ފޮތެއް ނެރެފި އެވެ.

ނަލަހިޔާ ހޮޓެލްގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި ނަފްސާނީ ބަލިތަކުގެ ތެރެއިން ޑިޕްރެޝަން ނުވަތަ ހިތާމަ ކުރުމުގެ ބައްޔާއި ބެހޭގޮތުން މުޖުތައު ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ދިވެހި ބަހުން ލިޔެ ތައްޔާރު ކޮށްފައިވާ އެފޮތް ނެރެދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނާ ޑީއެމް މުލޭ އެވެ.

މޯލްޑިވިއަން ސައިކޮލޮޖިކަލް އެސޯސިއޭޝަންއިން ލިޔެ ތައްޔާރުކޮށްފައިވާ އެ ފޮތުުގައި ޑިޕްރެޝަން އަކީ ކޮބައި ކަމާއި، އެބަލި ދެނެގަންނާނެ ގޮތުގެ މައުލޫމާތުގެ އިތުރުން ބެލެނިވެރިންނަށާއި، މުޖުތަމައަށް މުހިންމު ވާނެ ގިނަ މައުލޫމާތު ތަކެއް ހިމަނާފައި ވެއެވެ.

އެ ހަފްލާ އަށްފަހު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަން ސައިކޮލިޖިކަލް އެސޯސިއޭޝަންގެ ފައުންޑާ މެންބަރު އަދި ރައީސާ ޑރ. އައިޝަތު އަލީ ނާޒް ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޖަމިއްޔާ އިން އިންތިޒާމް ކޮށްގެން ހަފްތާ އަކަށް ދެމިގެންދާނެ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ރޭ ބޭއްވުނީ އެ ޖަމިއްޔާގެ ފުރަތަމަ ހަރަކާތް ކަމަށެވެ.

ރޭގެ ހަފްލާގައި އެ ޖަމިއްޔާގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗް ކޮށްފަ އެވެ. ވެބްސައިޓް ލޯންޗުކޮށްދެއްވީ ވެސް އިންޑިއަން ހައިކޮމިޝަނާ ޑީއެމް މުލޭ އެވެ.