ސްޓޮކްހަމް (އޮކްޓޯބަރ 11): ކެމިސްޓްރީގެ ދާއިރާ އިން މިއަހަރު ދޭ ނޮބެލް އިނާމަށް އެމެރިކާގެ ދެ ސައެންޓިސްޓުން ކަމަށްވާ ރޮބަޓް ލިވިކޮވިޓްޒް އާއި ވިބްރިޔަން ކޮބިލްކާ ހޮވިއްޖެ އެވެ.

އެ ދެ ބޭފުޅުން މިއިނާމަށް ހޮވުނީ ޖީ- ޕްރޮޓިންސް އާބެހޭ ގޮތުން ކުރައްވާފައިވާ ޢިލްމީ ދިރާސާތަކާއި މިދިރާސާތަކުން ޙާސިލްކުރައްވާފައިވާ ކާމިޔާބީތަކަށް ރިޢާޔަތްކުރުމަށް ފަހުގަ އެވެ. ސްވިޑްގެ ރޮޔަލް އެކަޑަމީ ފޯ ސައެންސް ބުނި ގޮތުގައި އިންސާނީ ސެލްތައް އެކި މާޙައުލުތަކަށް އެޓޮޕްޓް ކުރުމާ ބެހޭ ވަރަށް މުހިއްމު ކެމިކަލް ހޯދުންތަކެއް މިދެބޭފުޅުން ހޯއްދަވާފައިވާ ކަމުގަ އެވެ. އަދި މި ދިރާސާގެ އަލީގައި އިންސާނީ ސެލްތަކާއި ޕްރޮޓީންތަކުގެ މިހާތަނަށް ލިބިފައިވާނުވާ އެތަށް މަޢްލޫމާތުތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ވެސް ސްވިޑްންގެ ސެއެންސް އެކަޑަމީން ބުނެ އެވެ. ކެމިސްޓްރީގެ ދާއިރާ އިން މިއަހަރު ދޭ ނޮބެލް އިނާމުގެ މިންވަރަކީ 1.2 މިލިޔަން އެމެރިކާ ޑޮލަރެވެ. އެއީ އަށް މިލިޔަން ސްވިޑިޝް ކްރަވްން އެވެ.

ފިޒިކްސްގެ ރޮނގުން މިއަހަރު ނޮބެލް އިނާމް ލިބުނީ އެމެރިކާގެ ރައްޔިތަކަށާއި ފަރަންސޭސި ރައްޔިތަކަށެވެ. މެޑިސިންގެ ރޮނގުން ޖަޕާންގެ ރައްޔިތަކަށާއި އިނގިރޭސިވިލާތުގެ ރައްޔިތަކަށެވެ. (ރޮއިޓާސް)