އަންކަރާ (އޮކްޓޯބަރ 11): ރަޝިޔާގެ ވެރިރަށް މޮސްކޯއިން ފުރައިގެން ސޫރިޔާ އަށް ދަތުރުކުރަނިކޮށް ތުރުކީން ހިފެހެއްޓި ސޫރިޔާގެ ފަސިންޖަރު މަތިންދާބޯޓު ބަލައި ފާސްކުރުމަށް ފަހު މިއަދު ހެނދު އެބޯޓު ސޫރިޔާ އަށް ފުރުވާލާފައިވާކަން ތުރުކީން ހާމަކޮށްފި އެވެ.

ތުރުކީން ބުނީ ސޫރިޔާގެ ފަސިންޖަރު މަތިންދާބޯޓު ބަލައި ފާސްކުރުމުން އެއިން ހަތިޔާރުކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމުގަ އެވެ. ޚާރިޖީ ވަޒީރު އަޙްމަދު ދާއޫދު އޮގްލޯ ވިދާޅުވީ ސީރިޔަން އަރަބް އެއަލައިންގެ އެއަބަސް އޭ-320 މަރުކާގެ ފަސިންޖަރު މަތިންދާބޯޓުން ފެނިފައި ވަނީ ރޮކެޓް އުފެއްދުމުގައި ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ މާއްދާތަކެއް ކަމުގަ އެވެ. މިއީ ފަސިންޖަރު މަތިންދާބޯޓުތަކުން އުފުލުން މަނާތަކެތި ކަމަށްވީ ނަމަވެސް މިއީ ހަތިޔާރުކަން ކަށަވަރުކޮށްދިނުމަށް އޮގްލޯ ދެކޮޅު ހެއްދެވި އެވެ.

ސޫރިޔާގެ މަދަނީ މަތިންދާބޯޓު ތުރުކީގެ އަންކަރާ އެއަރޕޯޓުގައި ޖެއްސުމަށް މަޖްބޫރުކުރީ ތުރުކީގެ ވައިގެ ސިފައިންގެ ޢަސްކަރީ ދެބޯޓުންނެވެ. މިއީ އެމެރިކާގައި އުފައްދާފައިވާ އެފް-4ގެ ފައިޓާ ޖެޓް ދެ ބޯޓެވެ. ތުރުކީގެ ވައިގެ ސަރަހައްދުން ސޫރިޔާގެ ބޯޓު ދަތުރުކުރަނިކޮށް އެބޯޓު އަންކަރާ އެއަޕޯޓްގައި މަޖްބޫރުކޮށްގެން ޖެއްސުވީ އެބޯޓުން ހަތިޔާރު އުފުލާކަމުގެ ޖާސޫސީ މަޢްލޫމާތު ލިބިގެން ކަމަށާއި ފަސިންޖަރު މަތިންދާބޯޓުތަކުން ހަތިޔާރު އުފުލާކަމުގެ މަޢްލޫމާތު ލިބިއްޖެ ނަމަ މިގޮތަށް ކަންތައްކުރުމަކީ ބައިނަލްއަޤްވާމީ ސިވިލްއޭވިއޭޝަންގެ ޤަވާޢިދު ހުއްދަދޭ ކަމެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ.

ސޫރިޔާއަކީ ދާޚިލީ ހަނގުރާމައެއް ހިނގަމުންދާ ޤައުމެއް ނަމަވެސް އެޤައުމާދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން މިހާތަނަށް ފާސްކޮށްފައެއްނުވެ އެވެ. އެހެންކަމުން ސޫރިޔާއަކީ ބައިނަލްއަޤްވާމީ ގޮތުން އެއްވެސް އަދަބެއް ދެވެމުންދާ ޤައުމެއްނޫނެވެ. ނަމަވެސް ސޫރިޔާގައި ހިނގަމުންދާ އަހްލީ ހަނގުރާމައިގެ އަނިޔާވެރިކަމާއި އެހަނގުރާމައިގާ ކޮންމެ ދުވަހަކު ކުށެއް ނެތް އެތައް ސަތޭކަ ބަޔަކު މަރާލެވެމުންދާތީ ދުނިޔޭގެ ގިނަ ޤައުމުތައް ގެންދަނީ ސޫރިޔާގެ ހަނގުރާމައިގެ ދެ ފަރާތަށް ވެސް ހަތިޔާރު ލިބުން ހުއްޓުވުމަށް އަމިއްލަ ގޮތުން މަސައްކަތް ކުރަމުންނެވެ. މިޙާދިސާއާގުޅިގެން ތުރުކީން ވަނީ ސޫރިޔާގެ ވައިގެ ސަރަޙައްދު ބޭނުންކުރުން ތުރުކީގެ ފަސިންޖަރު މަތިންދާބޯޓުތަކަށް މަނާކޮށްފަ އެވެ.

ތުރުކީގެ މިފިޔަވަޅާ މެދު ރަޝިޔާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ސޫރިޔާގެ މަތިންދާބޯޓުގައި ގިނަ ޢަދަދަކަށް ރަޝިޔާގެ ރައްޔިތުންވެސް ތިބިކަމަށްވެ އެވެ. އެހެންކަމުން ރަޝިޔާގެ ޚާރިޖިއްޔާއިން ވަނީ ތުރުކީން ޢަމަލުކުރިގޮތް ސާފުކޮށްދިނުމަށް ތުރުކީގެ ކިބައިން އެދިފަ އެވެ. (އަލްޖަޒީރާ)