10 Oct 2012, 22:34
އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިޝެލް ޖޭ ސިސޯން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙުގައި ކުރިމަތިވަމުންދާ މައްސަލަތަކާއި އެ މައްސަލަތައް ޙައްލުކުރެއްވުމަށް ކުރެއްވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މިހާރުން މިހާރަށް އަޅުއްވަން ޖެހިފައިވާ ފިޔަވަޅުތައް އަޅުއްވަން ފަށްޓަވައިފިކަމުގައި ވިދާޅުވެ، އެކަންތައްތަކުގެ ތަފްޞީލު އެމެރިކާ ސަފީރާ ޙިއްޞާކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޑރ. އަފްރާޝީމް ޢަލީ، މި މަހު 1 ވަނަ ދުވަހުގެ ރޭ ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި ވާތީ، އެ ޢަމަލު ވަރަށް ބޮޑަށް ކުށްވެރި ކުރެއްވި އެވެ. އަދި މަރްޙޫމް ޑޮކްޓާ އަފްރާޝީމް ޢަލީގެ ޢާއިލާ އަށް އިޚްލާސްތެރި ތަޢުޒިޔާ ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.