ބާލިން (އޮކްޓޯބަރ 10): މަދަނީ ބޭނުންތަކަށް ވެސް ޕައިލެޓަކާނުލައި ދަތުރުކުރާ މަތިންދާ ބޯޓު އުފެއްދުމުގެ މަސައްކަތް ދުނިޔޭގެ ބައެއް ޤައުމުތަކުން ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށް ކަމާ ބެހޭ ރިޕޯޓެއް ބުނެފި އެވެ.

ލަންޑަންގައި ނުކުންނަ އޮބްޒާވާ ނޫސް ބުނި ގޮތުގައި ކުރިޔަށް އޮތް އަށެއްކަ އަހަރު ތެރޭގައި މަދަނީ ބޭނުންތަކަށް ވެސް ފުޅާދާއިރާއެއްގައި ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާ ބޯޓުގެ ބޭނުންކުރެވޭނެ އެވެ. މިގޮތުން ޔޫރަޕާއި އެމެރިކާ އާއި ޗައިނާ އާއި ޖަޕާންގެ އެތައް ސަތޭކަ ކުންފުންޏަކުން ޕައިލެޓަކާނުލާ ދަތުރުކުރާ މަދަނީ މަތިންދާ ބޯޓުގެ ޓެކްނޮލޮޖީ ތަރައްޤީ ކުރަމުންގެންދާ ކަމަށާއި ކުރިޔަށް އޮތް މަދު އަހަރުތަކެއްގައި މިބާވަތުގެ މަތިންދާބޯޓު މަދަނީ އެކި ބޭނުންތަކުގައި ފުޅާދާއިރާއެއްގައި ބޭނުންކުރެވޭނެ ކަމަށް މިރިޕޯޓް ބުނެ އެވެ.

ދުނިޔޭގައި މިހާރު ބޭނުންކުރަމުންގެންދާ ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓު (ޑްރޯން)ގެ 95 ޕަަސެންޓަކީ ޢަސްކަރީ ކަންކަމުގައި ބޭނުންކުރެވެމުންދާ ބޯޓުތަކެވެ. މީގެތެރޭގައި ގިނައީ ޙަމަލާދޭ ބޯޓުތަކާއި ޖާސޫސުކުރުމުގައި ބޭނުންކުރާ ބޯޓުތަކެވެ. ނަމަވެސް މިބާވަތުގެ ޑްރޯން މަތިންދާބޯޓުތަކަކީ މަދަނީ ބޭނުންތަކަށް ވެސް ވަރަށް ފަސޭހައިން ބޭނުންކުރެވިދާނެ ބޯޓުތަކެއް ކަމަށް ޔޫރަޕިޔަން ކޮމިޝަނުން ނެރެފައިވާ ޓެކްނޮލޮޖީއާ ބެހޭ ލިޔުމެއް ބުނެ އެވެ.

"ޓްވާޑްސް ޔޫރަޕިޔަން ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމެންޓް އޮފް ސިވިލިޔަން ޔޫޒު އޮފް އަންމޭންޑް އެއަ ކްރާފްޓް" މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ މިލިޔުން ބުނާ ގޮތުން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތަކުގައި އެކަނި ވެސް، މަދަނީ ބޭނުންތަކަށް ޚާއްސަކޮށްގެން ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާޓުގެ 400 ބޯޓު އުފެއްދުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އަދި ކުރިޔަށް އޮތް އޮތް ހައެއްކަ އަހަރު ތެރޭގައި މިބޯޓުތައް މަދަނީ ދަތުރުފަތުރުގެ ޚިދްމަތަށް ވަންނާނެ އެވެ.

ކުރިޔަށް އޮތް 10 އަހަރު ތެރޭގައި ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާޓުގެ 35 ހާސް މަތިންދާބޯޓު ދުނިޔޭގެ އެކި ޤައުމުތަކުން އުފައްދާނެ ކަމަށާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި މުދަލާއި ތަކެތި އުފުލުމަށާއި ތަންތަނާއި ތަކެއްޗާ އަދި ގެއްލޭ މީހުން ހޯދުމަށާއި ގޭސް ހޮޅިތަކާއި ތެޔޮހޮޅިތައް ވައިގެ މަގުންބެލެހެއްޓުން ފަދަ އެތައް ކަމެއްގައި މިބޯޓުތައް ބޭނުންކުރެވޭނެ ކަމަށް ޔޫރަޕިޔަން ކޮމިޝަންގެ މިލިޔުން ބުނެ އެވެ. މީގެއިތުރުން ނިއުކްލިޔާ ރިއެކްޓަރުތަކުގެ ކައިރީގައާއި އަލިފާން ނިއްވުމުގަ އާއި ސަރަޙައްދީ ރޮނގު ބެލެހެއްޓުމާއި ކާރިސާތަކުގެ ޙާލަތްތަކުގައި ވެސް މިބާވަތުގެ މަތިންދާބޯޓުތައް މަދަނީ ކަންކަމުގައި ފުޅާދާއިރާއެއްގައި ކައިރި މުސްތަޤްބަލެއްގައި ދުނިޔޭގައި ބޭނުންކުރެވޭނެ ކަމަށް މިލިޔުން ބުނެއެވެ.
ދުނިޔޭގައި މިހާރު އުފައްދާ ޢަސްކަރީ ޑްރޯން މަތިންދާބޯޓުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި އުފައްދަނީ އެމެރިކާއިންނެވެ. އެމެރިކާއަށްފަހު ދެން އެންމެ ގިނައިން ޢަސްކަރީ ބޭނުންތަކަށާއި ޖާސޫސީ ބޭނުންތަކަށް ޑްރޯން އުފައްދަނީ އިސްރާއީލުންނެވެ. މިދެޤައުމަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާދާއިރާއެއްގައި ހަނގުރާމާއި ތަޅާފޮޅުމުގެ ޢަމަލުތަކާއި ޖާސޫސު ކުރުމުގެ ޢަމަލުތައް ހިންގާ ދެޤައުމެވެ. ޔޫރަޕުން އުފައްދަނީ ޢަސްކަރީ ޑްރޯންގެ އެންމެ 10 ޕަސެންޓް ކަމަށް ވެސް ޔޫރަޕިޔަން ކޮމިޝަންގެ މިލިޔުން ބުނެ އެވެ. (ޖަރުމަނު ނޫސް އެޖެންސީ)