10 Oct 2012, 21:06
ގދ. ރޮބިންސަން ރިސޯޓުގައި ސްނޯކްލިން އަށް ގޮސް އުޅުނު ޗައިނާ ފިރިހެނަކު ގެނބިގެން މަރުވެއްޖެ އެވެ.
މިއަދު ހަވީރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ޗައިނާގެ އުމުރުން 24 އަހަރުގެ މީހެކެވެ.
އަދި އެ މީހާ މިރޭ 6:30 އެހާކަންހާ އިރު އެ އަތޮޅު ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. ތިނަދޫ ހޮސްޕިޓަލުން ބުނީ ގެނބުނު ފިރިހެން މީހާގެ ހަށިގަނޑުގެ ބޭރުގައި އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށާއި މަރުވެފައި ވަނީ ލޮނުބޮވިގެން ކަމަށެވެ.
ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މަރުވި ފިރިހެން މީހާއަކީ ރޮބިންސަން ރިސޯޓަށް އޭނާގެ އަންހެނުންނާ އެކު ޗުއްޓީ ހޭދަކޮށްލަން ދިޔަ މީހެކެވެ.