10 Oct 2012, 20:40
އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓްރީ ބަލަހައްޓަނީ އަދި ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނަނީ "ކޮރަޕްޓް ނިޒާމެއް"ގެ ތެރެއިން ކަމަށް ތުހުމަތުކޮށް އިލެކްޝަންސް އިން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ ހުއްޓުވައި ދިނުމަށް އެދިވަޑައިގެން ރައްޔިތުން މަޖިލީހުގެ މެންބަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ އިންތިގާލީ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއި ކުރައްވާ މިދިޔަ ހޯމަ ދުވަހު އޭސީސީގެ ރައީސް ހަސަން ލުތުފީ އަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކަށް ކޮންމެ އަހަރަކު ވެސް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ ރަޖިސްޓްރީގައި ތިބޭ މީހުންގެ އަދަދަށް ކަމަށްވާ އިރު ސިޔާސީ ޕާޓީތަކުގެ ސައްހަ އިތުބާރު ހުރި ރަޖިސްޓްރީ އެއް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ކަމަށް ގަބޫލުކުރެވެން ނެތް ކަމަށާއި ސައްހަ ނޫން މެންބަރުންތަކެއް ވެސް ޕާޓީތަކުގެ ރަޖިސްޓްރީގައި ތިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
"މިހާރު ޕާޓީތަކުގައި ތިބޭ ސައްހަ މެންބަރުން ދެނެގަންނަން އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ އިރު، ސައްހަ ނޫން މެންބަރުންތަކެއް ޕާޓީތަކުގައި ތިބެދާނެކަން ގަބޫލުކުރެވެން އޮތުމާ އެކު، ރައްޔިތުންގެ ފައިސާ ޕާޓީތަކަށް ދޭންވާނީ ސައްހަ މެންބަރުންގެ އަދަދުގެ މައްޗަށް ބިނާކޮށްގެންކަން އޭސީސީން ކަށަވަރުކޮށްދެއްވުން އެދެމެވެ. އެހެންކަމުން، ސައްހަ މެންބަރުން ޕާޓީތަކުގައި ތިބޭނެކަން ކަށަވަރުކުރުމަށްދެވޭ މުއްދަތަކަށް ފަހު ނޫނީ ޕާޓީތަކަށް ދޫކުރާ ފައިސާ ދޫކުރުމަކީ ކޮރަޕްޓް ޕްރެކްޓިސްއެއް ކަމަށް ދެކޭތީ މިކަން ހުއްޓުވައިދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.
ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓްރީ ސައްހަ ކަމަށް ގަބޫލުކުރެވެން ނެތް ސަބަބުތަކަށް ވެސް އަބްދުއްރަހީމް ވަނީ ސިޓީގައި އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ވިދާޅުވެފައި ވަނީ ޕާޓީތަކުގައި މީހުން ރަޖިސްޓްރީ ކުރާ އިރު އިނގިލީގެ ނިޝާނުގެ ސައްހަކަމަށް ބަލާ އުސޫލަށް އަމަލުކުރަން އިލެކުޝަންސް ކޮމިޝަނުން ފަށާފައިވީ ނަމަވެސް އިނގިލީގެ ނިޝާން ސައްހަތޯ ބަލަން ބޭނުން ކުރާ އެއްވެސް ނިޒާމެއް އަދި ވަސީލަތެއް ވެސް އެ ކޮމިޝަންގައި ނެތް ކަމަށެވެ. އަދި ފިންގަޕްރިންޓްތައް ސައްހަ ތޯ ބަލަނީވެސް ޝަކުވާއެއް ހުށަހެޅުމުން ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
"ސައްހަ އިނގިލީގެ ނިޝަނަކާ އެކު އެހެން މީހެއްގެ މައުލޫމާތު ހިމެނޭ ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިޔަސް، އިނގިލީގެ ނިޝަންތައް ހިމެނޭ ޑާސްޓާބޭސްއަކުން ބެލިގެން އިނގިލީގެ ނިޝާނާ މައުލޫމާތު ދިމާވޭތޯ ބެލޭނެ އެއްވެސްގޮތެއް އެ ކޮމިޝަނުގައި އިންތިޒާމް ކުރެވިފަ އެއް ނެތެވެ. އާންމު ރައްޔިތެއްގެ ފަރާތުން ޕާޓީގެ ރަޖިސްޓްރީ އާއި ޝަކުވާއެއް ލިބޭ ހިނދު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަސީލަތްތަކުގެ ބޭނުންކުރާކުރުން ފިޔަވައި، މިކަމުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކަމާ ގުޅޭ ވަސީލަތެއްގެ ބޭނުންހިފާ އެއްވެސް މަރުހަލާއެއް ނެތެވެ." އެސިޓީގައިވެ އެވެ.