ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ބަލިމީހުންނާއި މުއާމަލާތް ކުރުމުގައި ގެންގުޅޭ ހަރުކަށި ވިސްނުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން އަންނަ ބަލިމީހުން ރުޅިގަދަވެ ތަނުގެ ސުލްހަ މަސްލަހަތު ގެއްލޭ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ހެލްތް މިނިސްޓަރ ޑރ. އަހްމަދު ޖަމްޝީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ސަން އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްްވަމުން އޭނާ ވިދާޅުވީ ކިތަންމެ ރަނގަޅު ޚިދުމަތެއް ދޭ ތަނެއްގައިވެސް އެތަނަކުން ހިދުމަތެއް ހޯދަން އަންނަ އެންމެ ބަލިމީހަކަށްވެސް ނުރަނގަޅު ތަޖުރިބާއެއް ކުރެވިއްޖެނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. ޖަމްޝީދު ވިދާޅުވީ މިހުން އެފަދަ ތަޖުރިބާތައް ކުރަން ޖެހެނީ ބައެއް މުވައްޒަފުންގެ މުއާމަލާތް ކުރުމުގެ މައްސަލަ ކަމަށާއި، އޭގެ ސަބަބުން ބައެއް ފަހަރު ވަރަށް ހިތާމަވެރި ހާދިސާތައް ހިނގުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ. އެހެން ކަމުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންވެސް ޚިދުމަތް ހޯދަން އަންނަ ފަރާތް ތަކަށް އޯގާތެރިކަމާއި، ހިތްހެޔޮ ކަމާއިއެކު ޒިންމާދާރު ގޮތެއްގައި އެހީތެރިވުމަށް އޭނާ ގޮވާލެއްވި އެވެ.

"ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ މުވައްޒަފުންނަކީ ވަރަށް އޯގާތެރި ވަރަށް އަޅާލާ މީހުން. މަދުން ނަމަވެސް އެބައުޅޭ މިނޫން މުވައްޒަފުން. އެހެންވީމަ މިވާގޮތަކީ ކިތަންމެ ރަނގަޅު ޚިދުމަތެއް ތައާރަފް ކުރިނަމަވެސް އެތަނެއްގެ ތެރެއިން އެކަކަށް، ނުވަތަ ދެމީހަކަށް ނަމަވެސް ނުރަނގަޅު ތަޖުރިބާއެއް ކުރެވިއްޖެ ނަމަ ވަރައްބޮޑު މައްސަލައަކަށް ވާނެ. އެމައްސަލައެއް ދެން އެރަށެއްގައި ނުވަތަ މުޅި ގައުމުގައި އުޅޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހިތްހެޔޮކަމާއި، އޯގާތެރިކަމާއި ޒިންމާދާރު ކަމާ އެކު ބަލިމީހުންނަށް ޚިދުމަތް ދޭނަމަ ސިއްހީ ދާއިރާގެ 80 ޕަސެންޓް މައްސަލަތައް ހައްލުވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ފޯރުކޮށްދެވޭ ޚިދުމަތް ތަކުގެ ފެންވަރު ވަކި ދެރަނޫން ކަމަށާއި ނަރުހުންނާއި ޑޮކްޓަރުންގެ ފެންވަރުވެސް މިހާރު ވަރަށް ރަނގަޅު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ނޭދެވޭ އަމަލުތައް ތަކުރާރު ނުވާނަމަ ރާއްޖޭގެ ސިއްހީ ޚިދުމަތަކީ އެންމެންވެސް ބަލައިގަންނަ ފުރިހަމަ ޚިދުމަތަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަނދާން ކުރަން އެބަޖެހޭ ޚިދުމަތް ހޯދަން އަންނަނީ އެމީހުން ކޮންމެވެސް ކަމަކާ ކަންބޮޑުވެގެން، ފިކުރު ބޮޑުވެގެންކަން. މަޖަލަކަށް އަންނަ ތަނެއް ނޫންކަން މިއަކީ. އެކަން ހަނދާނުގައި ބަހައްޓައިގެން ޕޭޝަންޓުންނަށް ފޯކަސް ޚިދުމަތެއް ދޭން، ވިސްނަންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ މުސާރައިގެ މައްސަލަތަކެއް އުޅޭ ކަމުގެ ޝަކުވާ ލިބޭ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ މައިގަނޑު ގޮތެއްގައި މުސާރަ ދެވުން ލަސްވަނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ދިމާވާ ކަންތައް ތަކެއްގެ ސަބަބުން ކަމަށެވެ. މުސާރަ ނުލިބި ލަސްވާނަމަ އޭގެ ސަބަބުން ދަތި އުނދަގޫ މައްސަލަތައް ކުރިމަތީވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި، ނަމަވެސް އެއްވެސް މީހަކަށް ލިބެންޖެހޭ ފައިސާއެއް ނުލިބި ނޯންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.

"މުސާރައިގެ މައްސަލަ ދިމާވިޔަސް ކުރާ މަސައްކަތަށް އެއްވެސް ބުރުލެއް އަރުވައިގެން ނުވާނެ. އެއަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ވިސްނުން ގެންގުޅެންވާނެ ގޮތެއްނޫން." މިނިސްޓަރު ވިދާޅުވި އެެވެ.