ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުން މިހާރު ހުސްވެފައިވާ އެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމުގެ ފުރުސަތު އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ ގޮނޑި ހުސްވީ އަފްރާޝީމަށް ބަޔަކު ދިން ރަހުމްކުޑަ ހަމަލާއެއްގައި ކަމަށް ވުމުން މިފަދަ ހާލަތެއްގައި އެ އާއިލާގެ މެންބަރަކަށް އެ އިންތިހާބުގައި އެ ޕާޓީން ވާދަކުރުމުގެ ފުރުސަތު ދިނުމަކީ ރަނގަޅު ގޮތެއް ކަމަށް ޕާޓީގެ ބައެއް ފަރާތްތަކުން ގަބޫލުކުރާ ކަމަށެވެ.

"މިހާލަތަކީ ވަރަށް ތަފާތުހާލަތެއް ކަމަށް އަޅުގަނޑުމެންގެ ގިނަ ބޭފުޅުންނަށް ފެނިވަޑައިގަންނަވަނީ. އަފްރާޝީމް މިހާ ރަހުމްކުޑަގޮތަކަށް ޝަހީދުކޮށްލީމާ ބާކީ ދައުރުގައި އޮތް މަސްތަކާއި ދުވަސްކޮޅު އަފްރާޝީމްގެ އާއިލާގެ ބޭފުޅަކު ކުރިމަތިލައްވާ ކަމަށްވަންޏާ އެބޭފުޅަކަށް ދިނުމުގެ ވިސްނުން ގެންގުޅޭ ބޭފުޅުން އެބަތިއްބެވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އިން އާންމުކޮށް ގެންގުޅޭ އުސޫލަކީ އިލެކްޝަނުން އިންތިހާބެއް އިއުލާންކުރުމުން ޕާޓީން ވެސް ޕްރައިމަރީއަކަށް ހުޅުވާލުން ކަމަށެވެ. ނަމަވެސް ބައެއް މެންބަރުންގެ ވިސްނުން އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށް މިފަހަރު ޓިކެޓް ދިނުމަށް ފެންނާތީ އެ މައްސަލައިގައި ގޮތެއް ނިންމާނީ މިރޭ ބާއްވާ ކައުންސިލްގެ ބައްދަލުވުމުން ކަމަށެވެ.

"އެ ބައްދަލުވުމުން ނިމޭ ގޮތަކުން އަޅުގަނޑުމެންނަށް މާދަމާ ޕްރައިމަރީއަކަށް ވެސް ހުޅުވާލެވިދާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އަފްރާޝީމްއަކީ ޑީއާރުޕީގެ ޑިކެޓްގައި މަޖިލީހަށް ހޮވިވަޑައިގަތް މެންބަރެއް ނަމަވެސް އަވަހާރަކޮށްލެވުނު އިރު ހުންނެވީ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގަ އެވެ.

ޕީޕީއެމްގެ ވިސްނުން އެގޮތަށް ހުރި އިރު އެމްޑީޕީން މިއަދު ވަނީ އެ ޕާޓީގެ ޓިކެޓްގައި އުނގޫފާރު ގޮޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.