11 Sep 2010, 05:33
އެގްރިމެންޓާ ހިލާފަށް، އަދި ދީފައިވާ ސައިޒަށްވުރެ ބޮޑަށް ތިލަފުށީގައި ބިން ބޭނުން ކުރަމުންދާ ކަމަށާއި އެފަދަ ބިންތައް އެގްރިމެންޓްގައިވާ މިންތަކަށް ބަދަލު ކުރުވުމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތިލަފުށީ ކޯޕަރޭޝަނަށް އަންގައިފި އެވެ.
އޭސީސީ އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިލަފުށިން ބިން ދޫކޮށްފައިވާ ގޮތާ ގުޅިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކޮށް ބެލިއިރު ސިނާއީ އެ ރަށުން ބިން ދޫކޮށްފައިވާ ފަރާތްތަކާ އެކު ހަދާފައިވާ އެގްރިމެންޓްތަކާ ހިލާފަށް، އެ އެގްރިމެންޓްތަކުގައި ބިންދޫކޮށްފައިވާ ކަމަށް ބުނާ މިންތަކަށް ވުރެ ބޮޑެތިކޮށް ބައެއް ފަރާތްތަކުން ބިން ބޭނުން ކުރަމުންދާކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އޭސީސީން ބުނީ މި މައްސަލަ ބެލުމަށް ފަހު މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި އެހެން ހުރިހާ ބިމެއްގެ މިންތައް އެގްރިމެންޓާ އެއްގޮތަށް ސައިޒު ކުރުމަށް ތިލަފުށީ ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށެވެ.
އެގްރިމެންޓްގައިވާ ސައިޒަށް ވުރެ ބޮޑުކޮށް ބިން ބޭނުން ކުރަނީ ކިތައް ފަރާތުން ކަމެއް އަދި އެއީ ކޮންކޮން ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކެއް ކަމެއް އޭސީސީން ބުނެފައެއް ނުވެ އެވެ.
ތިލަފުށީ ކޯޕަރޭޝަނަށް އޭސީސީން މިގޮތަށް އެންގި އިރު އެ ރަށުން ބިން ދޫކުރުމުގައި ގަވައިދާ ހިލާފު ކަންތައްތަކެއް އުޅޭތީ އޭސީސީ އަންގަންދެން އެ ރަށުން ބިން ދޫނުކުރުމަށް ވެސް މި އަހަރުގެ އޭޕްރީ މަހުގައި އެ ކޯޕަރޭޝަނަށް އޭސީސީން ވަނީ އަންގައިފަ އެވެ. ނަމަވެސް ފަހުން ވަނީ އެ ނިންމުން އަނބުރާ ގެންގޮސްފަ އެވެ.