10 Oct 2012, 16:21
ގެއެއް ފަޅާލައިގެން ވަދެ ކަރަންޓް ސާމާނުތަކެއް ވަގަށް ނެގި ދެ މީހަކު ދިގު މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މ. އެބަގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކުންފުންޏެއްގެ އޮފީސް ފަޅާލައިގެން ވައްކަން ކުރުމުގެ ކުށުގައި ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ، ގދ. މަޑަވެލި ގިސްމަތު، މުހައްމަދު ޝިޔާޒްގެ އިތުރުން ތ. ގުރައިދޫ ނަންވިލާ ސިނާން އަހްމަދު ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
މިއީ ޝިޔާޒުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ދެ ވަނަ ފަހަރު ކަމަށާއި އަދި ސިނާންގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވާ ތިން ވަނަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.
އެ ހުކުމްގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް 12 ވަނަ ދުވަހުގެ ހަވީރު 3:15 އެހާކަންހާ އިރު ގެޓޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހަދަމުން ދިޔަ މ. އެބަގޭގެ ފުރަތަމަ ފަންގިފިލާ އަށް ވަދެވެން ހުންނަ ދޮރުފަތް ހަލާކުކޮށްލައިގެން އެތަނަށް ވަދެ އެ ކުންފުނިން އެތާގައި ބަހައްޓާފައި ހުރި ގިނަ އަދަދެއްގެ ކަރަންޓް ސާމާނު ވަގަށް ނަގާފައިވާކަން އެ ދެ މީހުންގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެ ދެ މީހުން ވަގަށް ނެގި ބައެއް ތަކެތީގެ ތެރޭގައި ފަސް ކަރަންޓް ބުރުމާ އަކާއި ގްރޭންޑަރަކާއި 12 ދޮރުހޮޅި އާއި އައުޓްޑޯ ލައިޓަކާއި ދުނިކީސް ފްރޭމަކާއި 100 މީޓަރުގެ ޕީވީސީ، ކޭބަލް ރޯލަކާއި 100 މީޓަރުގެ ފަސް ޕަވާ ކޭބަލް ރޯލެއް ހިމެނެ އެވެ.