ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދިޔުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އެދެފި އެވެ.

އީޔޫގެ ހައި ރެޕްރެޒެންޓިވް އޮފް ދަ ޔޫރަޕިއަން ޔޫނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ކެތަރިން އެޝްޓަން އިއްޔެ ނެރުވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ޖަމާއަތުގެ އިސް ޑިޕްލޮމެޓަކު ރާއްޖޭގެ ހާލަތު ވަރަށް ކައިރިން ބަލަމުން އަންނަ ކަމަށާއި ރައީސް ނަޝީދުގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރު ކުރުމަށް ސަރުކާރުގައި އެދޭ ކަމަށެވެ.

"ނަޝީދުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު އަދި އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ވެސް މި ޖަމާއަތުން އެދެމެވެ،" ކެތަރިން ވިދާޅުވެފައިވެ އެވެ.

ހުރިހާ ފަރާތްތަކުން ވެސް ހަމަޖެހުން ގެއްލޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލަމުން ކެތަރިން ވަނީ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދިޔުމަށް މަގުފަހިކޮށްދިނުމަށް ހުރިހާ ފަރާތްތަކަށް ވެސް ގޮވާލައިފަ އެވެ.

އަންނަ ރިޔާސި އިންތިހާބުގެ މުހިންމުކަން ފާހަގަ ކުރައްވައި ކެތަރިން ވިދާޅުވެފައި ވަނީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކެންޑިޑޭޓުންނަށް ވެސް އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ.

ނަޝީދުގެ ޝަރީއަތާ ދިމާކޮށް އީޔޫން ވެސް ސްޓޭޓްމަންޓެއް ނެރުނު އިރު ރޭ އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ވެސް ނެރުނު ބަޔާނުގައި ބުނެފައި ވަނީ ހުރިހާ ފަރާތްތަކުން ވެސް ސުލްހައިގެ މަގު އިސްކޮށް ވާހަކަތަކައިގެން ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި ނަޝީދުގެ ޝަރީއަތް އިންސާފުވެރިކޮށް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.