އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ކުރިމަތިލުމަށް ޓަކައި މާލޭ ސިޓީގެ 11 ދާއިރާ އަށް 16 މީހަކު ކުރިމަތިލައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ކުރިމަތިލުމަށް މިދިޔަ މަހުގެ 28ގައި ހުޅުވާލި ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާ އިރު މާލޭ ސިޓީގެ ހަ ދާއިރާ އިން ކޮންމެ ދާއިރާއަކަށް ވެސް ކުރިމަތިލާފައި ވާނީ އެންމެ މެމްބަރެއް ކަމުގައިވާތީ އެ ދާއިރާތަކުގެ އެދާއިރާތަކުގެ އިންތިހާބެއް ނޯންނާނެ ކަމަށެވެ.

އެ ކޮމިޓީ އަށް މާލޭ ސިޓީގެ އަނެއް ފަސް ދާއިރާ އިން ކުރިމަތިލާ މެމްބަރުންގެ މެދުގައި ގުރުއަތުނެގުން އޮންނާނީ އަންނަ ހޯދަ ދުވަހު ކަމަށާއި އެ ދާއިރާތަކަށް ކުރިމަތިލާ ފަރާތްތަކުގެ ނަން ތަރުތީބުކޮށް އެކަން މިމަހުގެ 18ގައި އިޢުލާން ކުރާނެ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މެމްބަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ނަން އަނބުރާ ގެންދަން ބޭނުން ނަމަ އަންނަ އާދީއްތަ ދުވަހާ ހަމައަށް އެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ވެސް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަޖެހޭ "އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ" އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް އެލްޖީއޭ އިން ނިންމާފައި ވަނީ އަންނަ މަހު7 ވަނަ ދުވަހު އެވެ.