10 Oct 2012, 15:49
ޓޫރިޒަމް މިނިސްޓްރީ އިން ފަށާފައި ފަސް އަހަރު ދުވަހުގެ ޓޫރިޒަމްގެ މާސްޓާޕްލޭން ތައްޔާރުކުރުމުގެ މަސައްކަތުގައި ޓޫރިޒަމް މިނިސްޓަރަށް ލަފާދެއްވުމަށް އެކުލަވާލެވިފައިވާ އެޑްވައިޒަރީ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނައިބް ރައީސް މުހައްމަދު ވަހީދުއްދީންގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްގެ ބައިވެރިވިވަޑައިގަތެވެ. އަދި އެޑްވައިޒަރީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންގެ އިތުރުން ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރު ފަރާތްތަކުން ވެސް ބައިވެރިވެ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ޓޫރިޒަމް ދާއިރާގެ މަޝްހޫރު ވިޔަފާރި ކުންފުނި، ސަން ޓްރެވަލްގެ ޗެއާމަން އަހުމަދު ސިޔާމް މުހަންމަދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔޭގެ އެންމެ މަގުބޫލް އެއްމަންޒިލް ކަމުގައިވާ އިރު ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފަތުރުވެރިކަން ދަމަހައްޓަން މާސްޓާ ޕްލޭނެއް ހެދުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި މީގެ ކުރިން މާސްޓާ ޕްލޭނަށް އަމަލުނުކުރެވުމުން ރިސޯޓްހަދަން ދޫކޮށްފައިވާ އެތައް ރަށްތަކެއް ނުހެދި "ވިހަވެފައި"ވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޕްލޭނެއް ނެތް ކަމަކުން އެއިގެން ނިކުންނާނެ މާބޮޑު ފައިދާއެއް ނޯންނާނެ. އެއިގެން ނިކުންނާނެ ފައިދާއެއް އެކަކަށް ވެސް އެނގޭކަށް ނޯންނާނެ. އެހެން ކަމުން ދިވެހިރާއްޖެ އިން ކުރިއަށް ހަދަން ގަސްތު ކޮށްފައިވާ މާސްޓާ ޕްލޭންއަކީ ހަގީގަތުގައި މިޕްލޭންގެ ސަބަބުން އަދި މިޕްލޭންގައި ކަނޑައަޅާ ކަނޑައެޅުންތައް އިންޕްލިމެންޓް ކުރެވޭނެ ކަންތައްތަކަކަށް ވާން ޖެހޭ،" ސިޔާމް ވިދާޅުވި އެވެ.
އެބައްދަލުވުމުގައި ބައިވެރިވާ އައިލެންޑް އޭވިއޭޝަންގެ ބޯޑް ޗެއާމަން ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ގާނޫނަށް ތަބާވުމާއި ގާނޫނަށް ކަމޭހިތުމުގެ އުސޫލު މިއަދު މުޖުތަމައުގައި އޮތީ ވަރަށް ދަށްވެފައި ކަމަށާއި އެހެންކަމުން ވަޒީފާ އަދާކުރާ މީހުން ހަމައެކަނި ފައިސާގެ ބޭނުމުގެ އިތުރުން މަސައްކަތަށް ސަމާލުވެ މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އަދި ތައުލީމީ ދާއިރާ އަށް ބަދަލުގެންނަން ޖެހޭ ކަމަށާއި މިއަދު މީހުންނާ ކުރިމަތިލައި ވާހަކަ ދައްކާ ހެދުމަށް ވަޒީފާ އަށް ނުކުންނަ ކުދިނަށް އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ރަނގަޅަށް ވާހަކަ ދައްކަން ނޭނގޭ ކަމަށް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ މާސްޓާ ޕްލޭން ތައްޔާރުކުރުމަށް ޓަކައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވާނެ ކަމަށާއި އަދި އެ މާސްޓާ ޕްލޭންގައި އެންމެ އިސްކަމެއް ދެއްވައިގެން ބައްލަވާނީ މިހާރު ފަތުރުވެރި ކަމަށް ދިމާވެފައިވާ މައްސަލަތަކާއި އެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާ އިން ރާއްޖެ ދާންވީ މިސްރާބް ކަނޑައެޅުމަށް ކަމަށެވެ.
ފަތުރުވެރިކަމުގެ މާސްޓާ ޕުލޭނަކީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު، ފަތުރުވެރިކަމުގެ ދާއިރާ ބައްޓަން ކުރުމަށް އެކުލަވަލާ ޕުލޭނެކެވެ. އެގޮތުން މިފަހަރު މިއީ މީގެ ހަތަރު ވަނަ މާސްޓާ ޕްލޭން އެވެ. މިފަހަރުގެ މާސްޓާ ޕުލޭން ކުރިއަށް ގެންދަނީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކާއި ވޯލްޑް ބެންކްގެ އިތުރުން ޔޫއެންޑީޕީގެ އެހީގަ އެވެ.