ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ވެއްދި ނަމަވެސް އެކަމާ ސަރުކާރުން ކަންބޮޑުނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށަހަޅައިގެން އުޅޭ ރައީސް ވަހީދުގެ އިތުބާރުގެ މައްސަލައަކީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މަޖިލީހުގައި އެމްޑީޕީއާ އިދިކޮޅަށް އޮތް ސަރުކާރުގެ ކޯލިޝަން އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި 2013 ގެ ރިޔާސީ އިންތިހާބާ ހަމައަށް ސަރުކާރާ އެކު އެކޯލިޝަން ހަމަ އެގޮތުގައި ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ސަރުކާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޯލިޝަންގެ އެއްވެސް ލީޑަރަކަށް އަދި ކޯލިޝަނަށް ވެސް އެއްވެސް ބުރުލެއް އަރާފައެއް ވެސް ނުވޭ. އެހެންވެ މިކަމާ ސަރުކާރުން ކަންބޮޑެއް ވެސް ނުވޭ. އެމްޑީޕީގެ ބޭނުމަކީ ރައްޔިތުންގެ ކަންކަން ކުރުމަށް އޮތް ވަގުތު ނަގާލުން އިތުރު އެއްވެސް ބޭނުމެއް ނެތް،" އައްބާސް ވިދާޅުވި އެވެ.

ރައީސް ވަހީދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފައިވާއިރު އެމްޑީޕީން އިއްޔެ ވެސް ވަނީ މިސަރުކާރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ މައްޗަށް ވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފަ އެވެ.