ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ, ފުލުހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕްރެސިކުޓާ ޖެނެރަލްގެ އޮފީސް )ޕީޖީ( އަށް ފޮނުވައިފި އެވެ.

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، އަދި ފުލުހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވާފައިވަނީ ސ. ފޭދޫ ފަރިމާގެ، ޙަސަން ފަހުމީ 49، އާއި ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ސޯފެލް ސޮރުދާރު 24ގެ މައްޗަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ އެ މައްސަލައަކީ އޮގަސްޓް މަހު 31 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއަކުން ހުޅުމާލެ އަށް ބަނގުރާ ބާލާ ކަމަށް ފުލުހުންނަށް ލިބުނު މަޢޫލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ސަރަޙައްދަށް ދިޔަ ފުލުހަކު ރަހީނުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލަ އެވެ.

އަދި ފުލުސް މީހާ ރަހީނުކޮށްފައި ވަނީ، ފުލުހުން ބުނި ގޮތުގައި، ޑިންގީއެއްގައި ދެ މީހަކު ބަނގުރާ ހިފައިގެން ހުޅުމާލެ ތޮށި ގަނޑަށް ކައިރި ކުރުމުން ޑިންގީގައި ތިބި އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު އެވެ. އަދި ޑިންގީ ކައިރިއަށް ފުރަތަމަ ދިޔަ ޕޮލިސް މީހާ ޑިންގީ ތެރެއަށް ދަމައިގަނެ ތޮށި ގަނޑާ ދުރަށް ޑިންގީ ޖެއްސުމަށްފަހު ފުލުސް މީހާ ވަނީ ރަހީނު ކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަނގުރަލާ ގުޅުން ހުރި އެ މައްސަލައިގައި ފުލުހުން ވަނީ މީގެ ކުރިން ވެސް ދިވެއްސަކާއި ތިން ބިދޭސީން ހައްޔަރުކޮށްފަ އެވެ. އަދި އެމީހުންގެ އަތުން 162 ބަނގުރާ ފުޅިއާއި 42 ބިޔަރު ދަޅުފެނިފައިވެ އެވެ.