އައްޑޫ ސިޓީގެ މަރަދޫގައި ހުންނަ ކަސްޓަމްސްގެ ސަދަން ރީޖަނަލް ހެޑް އޮފީސް ރަސްމީކޮށް އިއްުޔެ ހުޅުވައިފި އެވެ.

މަރަދޫގައި ހުންނަ އެ އޮފީސް ހުޅުއްވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް ފާތިހް އަލީ އެވެ.

ކަސްޓަމްސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އޮފީސް ގާއިމްކުރުމުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި ހިމެނޭ ކަސްޓަމްސްގެ އޮފީސްތަކުގެ މަސައްކަތްތައް ހަރުދަނާކަމާއި ޒިންމާދާރުކަމާ އެކު މަރުކަޒީ ގޮތުން ވިލަރެސް ކުރުން ކަމަށެވެ.

މީގެ އިތުރުން ކަސްޓަމްސްގެ މަގުސަދާއި ވާޖިބްތަކާއި މަސްއޫލީޔަތުތައް އަދާކުރުމަށް މަގުފަހިކުރުމާއި ރައްޔިތުންނަށް މިހާރަށް ވުރެ ލުއިފަސޭހަކަމާ އެކު ހިދުމަތް ފޯރުކޮށްދިނުން ކަމަށް ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައިވެ އެވެ. އަދި ބުނެފައި ވަނީ މި ސަރަހައްދުގައި ގާއިމް ކުރި އެ އޮފީހުގެ ސަބަބުން ރާއްޖެ އަށް އެތެރެކުރާ މަސްތުވާތަކެއްޗާއި، ގާނޫނާއި ގަވާއިދާ ހިލާފަށް ތަކެތި އެތެރެވެ، ބޭރުވުން ހުއްޓުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކަމާ އެކު ކުރިއަށް ގެންދިއުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.