10 Oct 2012, 13:38
އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ އާއިލާ އަށް މާލީ އިނާޔަތް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ، މަޖިލީހުގެ އާންމު ކޮމެޓީ އިން ނިންމާފައިވާ ގޮތަށް އަފްރާޝީމަށް މުސާރައިގެ ގޮތުގައި ލިބިވަޑައިގަތް 42500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބިވަޑައިގަން 20000ރ. ހަތަރު މައިނަށް ހަމަހަމައަށް ބެހުމަށެވެ.
މިއަދުގެ ޖަލްސާގައި އަފްރާޝީމްގެ އާއިލާ އަށް މާލީ އެހީ ދިިނުމަށް ނެގި ވޯޓުގައި އެ އިނާޔަތް އެ މަރުހޫމްގެ އާއިލާ އަށް ދިނުމަށް ފެންނަ ކަމަށް 45 މެންބަރުން ވޯޓް ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވި އެވެ. ނުފެންނަ ކަމަށް އެއްވެސް ބޭފުޅަކު ވޯޓެއް ނުދެއްވަ އެވެ.
އަފްރާޝީމްގެ އަންހެނުން ގުރައިޝާ މުހައްމަދު ޒަވާޖީ ހަޔާތެއް ފަށަންދެން އަފްރާޝީމްގެ މުސާރައިގެ ހަތަރު ބައި ކުޅަ އެއް ބައި އޭނާ އަށް ދިނުމަށާއި ހަތަރު ދަރިން ކަމަށްވާ އައްޔޫބު އަފްރާޝީމާއި ރުމައިޝާ އަފްރާޝީމްގެ އިތުރުން އައްޔާޝް އަފްރާޝީމުން ކުރެ، ކޮންމެ ދަރިއަކަށް މުސާރައިގެ ހަތަރު ބައި ކުޅަށް އެއްބައި ދިނުމަށެވެ. އެ ކުދިންނަށް އެ ފައިސާ ދޭނީ އުމުރުން 18 އަހަރުވަންދެން ކަމަށް އާންމު ކޮމެޓީން ނިންމާފައިވެ އެވެ. އަދި އެ ހަތަރު މައިންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް ވެސް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އަފްރާޝީމްގެ އާއިލާ އަށް މާލީ އިނާޔަތް ދޭނެ އުސޫލު ހުށަހެޅުއްވީ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދެވެ. އޭނާގެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދެވެ.
އަފްރާޝީމްގެ އާއިލާއަށް މާލީ އިނާޔަތް ދިނުމަށް މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި މިނިވަން މެންބަރުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ދެންނެވުމުން އެކަމުގެ ލަފަޔަކަށް އެދި އާންމު ކޮމެޓިއަ އަށް މައްސަލަ ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.